28 Nov 2010, 07:56
ފިނިކުރާ ނިޒާމްތަކުގައި އާންމުކޮށް ބޭނުންކުރަމުން އަންނަ ހައިޑްރޯ ކުލޮރޯ ފްލޮރޯ ކާބަން (އެޗްސީއެފްސީ)ގޭސް ބޭނުން ކުރުން މުޅިން ހުއްޓާލުމަށް ސަރުކާރުން ނިންމާފައި ވުމުން، އަންނަ އަހަރުން ފެށިގެން ހާއްސަ ކޯޓާއެއްގެ ދަށުން އެޗްސީއެފްސީގެ މާއްދާތައް އެތެރެކުރެވޭ ގޮތަށް ސަރުކާރުން ކަނޑައަޅައި އެ ދަދަދަކީ 67 މެޓްރިކް ޓަނު ކަމަށް ހަމަޖައްސައިފި އެވެ.
ސަން އޮންލައިނާ ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު މިރުޒާ މުހައްމަދު މިއަދު ވިދާޅުވީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން އެޗްސީއެފްސީ ގޭސް ބޭނުންކުރުން ހުއްޓާލަން ޖެހޭތީ، 2020 ވަނަ އަހަރުގެ ނިޔަލަށް އެޗްސީއެފްސީ ގޭސް ރާއްޖެ އެތެރެ ކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެތެރެކުރާ އެޗްސީއެފްސީގެ މިންވަރު ވަކިމިނެއްގައި ހިފަހައްޓަމުން އަންނާނެ ކަމަށާއި އަންނަ އަހަރު ރާއްޖެ އެތެރެ ކުރުމަށް ނިންމާފައި ވަނީ 67 މެޓްރިކް ޓަނުގެ އެޗްސީއެފްސީ ކަމަށެވެ.
އެ މިނިސްޓްރީން އެޗްސީއެފްސީ އެތެރެކުރުމުގެ ހުއްދަ ދެއްވާ ގޮތަށް ހަމަޖައްސާފައި ވަނީ ބިޑުކޮށްގެން އޭގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތް ތަކަކަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ބިޑް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ކުރިން އެޗްސީއެފްސީ ގޭހުގެ މާއްދާތައް އެތެރެކޮށްފައިވާ ފަރާތްތަކާއި އަދި އެފަދަ ތަކެތި ރައްކާތެރިކަމާ އެކު ބަލެހެއްޓޭނެ ގޮތްތައް ހުރި ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް މިރުޒާ ވިދާޅުވި އެވެ.
އެޗްސީއެފްސީ ގޭސް އެތެރެ ކުރުމަށް ބިޑު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހެވެ.
އެޗް.ސީ.އެފް.ސީ އަކީ ރެފްރިޖަރޭޓާ އަދި އެއާކޮންޑިޝަން ފަދަ ވަސީލަތްތަކުގައި ބޭނުން ކުރަމުން އަންނަ އޯޒޯން ފަށަލަ އަށް ގެންލުންދޭ ވިހަ މާއްދާއެކެވެ.