09 Oct 2013, 13:15
ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އަށް އޭނާ އިންކާރު ކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މި އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސުޕްރީމް ކޯޓުގެ ހުކުމްތަކަށް ތަބާނުވުމަށް އިންތި ގޮވާލައްވާފައިވާ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަކީ ރަންބުއްދި ގޮސްފައިވާ ބައެއް ކަމަށް އެ ޕްރޮގްރާމްގައި އިންތި ވިދާޅުވެފައިވާ ކަމަށެވެ. ސުޕްރީމް ކޯޓާ މެދު ނުބައި ތަސައްވުރެއް ދެއްކުމަށް މަސައްކަތް ވެސް އޭނާ މަސައްކަތްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދާ ހާވާލާދީ ގާނޫނުލް އުގޫބާތުގެ ދަށުން އޭނާގެ މައްޗަށް ކުރާ ދައުވާ އަކީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު އެރުވުމުން ދައުވާ އަށް އިންކާރު ކުރެއްވުމަށް ފަހު ގާނޫނީ ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަކަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. ގާޒީ ވަނީ ފަސް ދުވަހުގެ މުއްދަތެއް ވަކީލަކު ހަމަޖެއްސުމަށް އޭނާ އަށް ދެއްވާފަ އެވެ.
ގާޒީ ވިދާޅުވީ އެ މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް އޮންނާނީ އަންނަ މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.