ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ 241 ކޮމެޓީ އަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ހާޒިރުކޮށްފި އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން އުފައްދާވާފައިވާ ކޮމެޓީ އެކެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ 241 ކޮމެޓީ ކުރިއަށް ގެންދަނީ ސިއްރު ކޮމެޓީ އެއްގެ ގޮތުގަ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް 241 ކޮމެޓީ އަށް ހާޒިރު ކުރީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަލްމަރުހޫމް ޑރ. އަފްރާޝީމް އަލީގެ މަރާއި ގުޅުން ހުރި ތަހުގީގާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން 241 ކޮމެޓީން ސާފުކުރަން ބޭނުން ވަނީ އެ މައްސަލަ ތަހުގީގް ކުރުން ލަސްވަމުންދާ ސަބަބެވެ. އެގޮތުން ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ތަހުގީގް މިހާރު ގޮސްފައިވާ ހިސާބާއި އަދި ޑރ. އަފްރާޝީމް މަރާ ގުޅޭ ތަހުގީގު ނިމޭނެ މުއްދަތެއް ކޮމެޓީ ސާފުކުރަން ބޭނުންވެ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ މިހާރު އެއް އަހަރު ވެއްޖެ އެވެ. މިހާތަނަށް އެ މައްސަލާގައި ދައުވާ ކޮށްފައި ވަނީ ދެ މީހެއްގެ މައްޗަށެވެ. އެއީ ހުސެން ހުމާމާއި އަދި އަލީ ޝާންގެ މައްޗަށެވެ. އެ ދެ މީހުން ވެސް ވަނީ ދައުވާ އަށް އިންކާރު ކޮށްފަ އެވެ.