09 Oct 2013, 13:05
އއ. ރަސްދޫން ފުލުހުން ހައްޔަރުކުރި 15 މީހުންގެ ތެރެއިން 11 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ
ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތީން ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
ރިޔާސީ އިންތިހާބްގެ ދެވަނަ ބުރު ފަސްކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ މެދު ހިތްހަމަނުޖެހިގެން އއ. ރަސްދޫގައި އެމްޑީޕީ އަށް ނިސްބަތްވާ ބަޔަކު ބޭއްވި އެއްވުމެއް ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުންނާ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން 14 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެމީހުންގެ ބަންދުގެ މުއްދަތު އެކި މީހުންނަށް އެކި މުއްދަތަށް ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.
ކްރިމިނަލް ކޯޓުގެ އެ އަމުރާ ގުޅިގެން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ މީހުންގެ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ ވަކިވަކިންނެވެ.
އެ މައްސަލާގައި ހައިކޯޓުން އިއްޔެ ވަކިވަކިން ކޮށްފައިވާ ހުކުމްގައި މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުންކޮށްފައިވާ އަމުރަށް ޝަރުއީ ހަމަތަކުގެ މަތީން ރިޔާޢަތްކޮށް ބަލާއިރު، އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެންނާތީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތީން ނެރެފައިވާ އަމުރެއް ކަމަށް ހުކުމްކުރީ ކަމަށެވެ.
ރަސްދޫން 14 މީހުން ހައްޔަރުކޮށްފައި ވަނީ އެރަށު މެޖިސްޓްރޭޓް ކޯޓުގެ ސަރަހައްދުގައި އެމްޑީޕީން ބޭއްވި އެއްވުމެއްގައި އެކޯޓު ދޮރު މައްޗަށްވާ ގޮތަށް ނަގާފައި ހުރި ހުދުކުލައިގެ ބޮޑު ޖަންގިޔަލެއް ނެގުމަށް ފަހު އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރުމުން ދަނިކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންގެ ގައިގާ ތަޅައި މާރާމާރީ ހިންގައިގެންނެވެ. އަދި އެއަށް ފަހު އެތަކެތި ރަސްދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ވަނިކޮށް އެތަނުން ކަރަންޓު ކަނޑާލުމަށް ފަހު ޕޮލިސް ސްޓޭޝަން ތެރެއަށް ގަދަކަމުން ވަދެ ފުލުހުންގެ އަތުން ހުދުކުލައިގެ އެ ޖަންގިޔާ އަތުލުމަށް ފަހު ދެވަނަ ފަހަރަށް ގޮސް މެޖިސްޓްރޭޓް ކޯޓު ދޮރު މައްޗަށް ވާގޮތަށް އެ ޖަންގިޔާ ނަގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިމައްސަލާގައި ހިމެނޭ 14 މީހުންގެ މައްޗަށް ކޯޓުން ނެރެފައިވާ އަމުރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެ މައްސަލާގައި ހައިކޯޓުން ހުކުމްކޮށްފައި ވަނީ 11 މީހެއްގެ މައްސަލަ އެވެ.