09 Oct 2013, 12:59
އުމުރުން އެންމެ ފަސް އަހަރުގެ އަންހެން ދަރިފުޅު ރޭޕްކޮށް، މަރުވަންދެން އަނިޔާކުރި ކަމުގެ ކުށް ސައުދީ އަރަބިއްޔާގެ ދީނީ ނަސޭހަތްދޭ މީހެއްގެ މައްޗަށް ސާބިތުވެއްޖެ އެވެ.
އަލްއަރަބިއްޔާ ނޫސް އެޖެންސީން ބުނީ ދީނީ ނަސޭހަތްދޭ މީހެއް ކަމަށްވާ ފައިހާން އަލް ޣާމިދީގެ މައްޗަށް ކުށް ސާބިތުވުމުން އޭނާ 800 އެތިފަހަރުން ތައުޒީރުކޮށް އަށް އަހަރަށް ޖަލަށް ލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފައިވާ ކަމަށެވެ.
މަރުވި އަންހެންކުއްޖާގެ މަންމަގެ ފަރާތުން ކޯޓްގައި ވަކާލާތު ކުރި ވަކީލާ ހަވާލާދީ އަރަބިއްޔާ ބުނީ މަރުގެ ދިޔައިގެ ގޮތުގައި ކުއްޖާގެ މަންމަ އަށް 270،000 ރިޔާލަ ދިނުމަށް ވެސް ކޯޓްގެ ހުކުމްގައިވާ ކަމަށެވެ. ކުއްޖާ ރޭޕްކޮށް މަރާލުމުގައި ޣާމިދީއާ ބައިވެރިކަމުގެ ކުށް ސާބިތުވެފައިވާ އޭނާގެ ދެވަނަ އަނބި 150 އެތިފަހަރުން ތައުޒީރުކުރުމަށާއި 10 މަސް ދުވަހަށް ޖަލަށް ލުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ޣާމިދީގެ ދަރިފުޅު މަރުވީ އޭނާ އެ ކުއްޖާ އަށް ދިން އަނިޔާތަކުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ލާމާ ނަމަކަށް ކިޔާ އެކުއްޖާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ 2011 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހު އެވެ. އެޑްމިޓް ކުރި އިރު އޭނާގެ ބޮލުގެ ނާށިގަނޑުން ބައެއް ފަޅާލާފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ސައުދީ އެކްޓިވިސްޓުންނާ ހަވާލާދީ ނޫހުގައިވެ އެވެ. އަދި އެކުއްޖާގެ އަރިކަށީގެ ކަށިތަކަކާއި ވައަތް ވެސް އޮތީ ބިންދާލާފައި ކަމަށާއި އަލިފާން ޖައްސާފައިވާ އެތައް ތަނެއް ވެސް ހުރި ކަމަށް އެމީހުން ބުނެފައިވެ އެވެ.
ލާމާ އެޑްމިޓް ކުރި ހޮސްޕިޓަލުގެ މުވައްޒަފެއް ކަމަށްވާ ރަންދާ އަލް ކަލީބު ބުނި ކަމަށް އަލް އަރަބިއްޔާ ނޫހުގައި ވަނީ އެކުއްޖާގެ މައިބަދަވެސް ބިންދާލާފައިވާ ކަމަށާއި ތަކުރާރުކޮށް އެތައް ފަހަރަކު ރޭޕްކޮށްފައިވާ ކަމަށެވެ.
ކުރުމުއްދަތެއްގެ ޖަލުހުކުމަކާއި މަރުގެ ދިޔަދޭން ޣާމިދީގެ މައްޗަށް ހުކުމްކުރަން އުޅޭކަން އެނގިގެން އޭނާ އަށް އެއަށް ވުރެ ބޮޑޫ އަދަބެއް ދިނުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ސައުދީ އަބިއްޔާގެ އެކްޓިވިސްޓް ގްރޫޕްތަކުން އައީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން އަޑު އުފުލަމުންނެވެ.
ގާމީދީ އަކީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ސައުދީ ސަރުކާރުން ދީފައިވާ މީހެއް ނޫނެވެ.
ސައުދީ އަރަބިއޔާއަކީ ރޭޕްކުރުމާއި މީހުން މެރުން ފަދަ ކުށްތަކަށް މަރުގެ އަދަބުދޭ ގައުމެކެވެ.