09 Oct 2013, 12:55
ހދ. ކުޅުދުއްފުށީގައި މަގުމަތި ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންގެ ސައިކަލަކާއި އިތުރު ސައިކަލެއް ޖެހި އެކްސިޑެންޓެއް ވެއްޖެ އެވެ.
ފުލުހުން ބުނީ ރޭ 8:55 އެހާކަންހާއިރު އެ ރަށު ބަންޑާރަމަގުގައި ހިނގި އެކްސިޑެންޓުގައި ފުލުހުންގެ ސައިކަލް ދުއްވަން އިން ޕޮލިސް ލާންސް ކޯޕްރަލް ހައިދަރު މުހައްމަދަށާއި އަދި އެކްސިޑެންޓްވި އަނެއް ސައިކަލުގެ ފަހަތުގައި އިން އުމުރުން 19 އަހަރުގެ ޒުވާނާ އަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގެ ސަބަބުން ފުލުސް މީހާގެ ބޮލަށާއި ކަނާއަތުގެ އުޅަނބޮށި ކައިރީން ތަންގަނޑެއް ދުޅަވެ އަދި ވައަތުގެ ފައިގެ ކަށިމަތި ހަލާކުވެ ދުޅަވެފައިވާ ކަމަށާއި އަނިޔާވި އުމުރުން 19 އަހަރުގެ މީހާގެ ދެފައި އެކިތަންތަނުން ހަލާކުވެ، ނޭފަތް ފަޅައިގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރޭ ހިނގި އެކްސިޑެންޓްގައި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ފުލުހުންގެ ސައިކަލާ އެކްސިޑެންޓުވި ސައިކަލް ދުއްވަން އިން އުމުރުން 21 އަހަރުގެ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޗެކްކުރި އިރު މަސްތުވާތަކެތީގެ ތިން ބާވަތަކަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން އަދި ބުނީ އެ އެކްސިޑެންޓުވި އިރު އެއްގަމު ދަތުރުފަތުރު ކުރުމުގެ ލައިސެންސް ވެސް އެމީހާގެ އަތުގައި ނެތް ކަމަށެވެ.