09 Oct 2013, 12:49
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ކުޑަކަމުދާއެއްޗިހި ދިނުމަށް އިންކާރުކުރިކަން ސާބިތު ކުރުމަށް ދައުލަތުން ހެކި ހުށަހަޅައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ހާމިދުގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންނަކީ ކުޑަކަމުދާ އެއްޗިހި ދިނުމަށް އޭނާ އަށް އެންގި ފުލުސް އޮފިސަރާއި އަދި އެވަގުތު އެތަނުގައި ހާޒިރުވެ ހުރި އެހެން ފުލުހެކެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހާމިދުގެ ދިފާއީ ވަކީލު ހުސައިން ޝަމީމް ވިދާޅުވީ ކުޑަކަމުދާ އެއްޗިހި ދިނުމަށް ފުލުހުން ހާމިދަށް އަންގާފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގަވާއިދު ބުނާގޮތުން ކުޑަކަމުދާ އެއްޗިހި ދިނުމަށް އަންގަން ޖެހޭނީ ފޯމަކުން ކަމަށާއި ނަމަވެސް ފޯމުން ހާމިދަށް އަންގާފައިނުވާ ކަމަށެވެ.
ހާމިދުގެ ފަރާތުން މިއަދު ވަނީ ދިފާއީ ހެކީންގެ ގޮތުގައި ދެ ފަރާތެއް ހުށަހަޅާފަ އެވެ. އެއީ އޭނާގެ ކުޑަކަމުދާ އެއްޗިހި ނެގުމަށް ހުއްދަދިން ސަބްއިނިސްޕެކްޓަރު އޮފް ޕޮލިސް އިބްރާހީމް މުހައްމަދުގެ އިތުރުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ޑރ. އަބްދުﷲ ވަހީދު އެވެ.
ކުޑަކަމުދާ އެއްޗި ދިނުމަށް ހާމިދަށް އެންގި އިރު ގާނުނީގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާތީ އެ މައްސަލައަކީ ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅައިދިނުމަށް ހާމިދުގެ ވަކީލުން ވަނީ އެދިވަޑައިގެންފަ އެވެ.
ހާމިދުގެ ވަކީލު ފަރީޝާ އަބްދުﷲ ވަނީ މައްސަލަ ކުރިއަށް ގެންދިޔުމާ މެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުން ލިޔުމުން ލިބޭނެގޮތް ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފަ އެވެ. އެކަމާ ގުޅޭ ގޮތުން އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ މައްސަލަ ނިންމާ އިރު ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގައި އެކަންކަން ހިމަނާނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން އަބްދުﷲ ގާޒީ ވިދާޅުވީ ދެން އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް އޮންނާނީ އީދުބަންދަށް ފަހު ކަމަށެވެ. އެދުވަހު އޮންނާނީ ހެކީންގެ ހެކިބަސް ނެގުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.