އެމެރިކާގެ ވޮޝިންގްޓަންގައި ކުރިއަށް ދިޔަ މުޒާހަރާއެއްގައި ތެރެއިން މަގެއް ބަންދުކުރަށް އުޅުނު މައްސަލާގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަށް މެމްބަރަކު ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ އަށް މެމްބަރުންގެ އިތުރުން އާއްމުންގެ 200 މީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ، މަޖިލީހުގައި މިހާރު ހުއްޓާލާފައިވާ އިމިގްރޭޝަން ރީފޯމް ބިލްގެ ކަންތައްތައް އަލުން ފަށުމަށް ގޮވާލާ އެމެރިކާގެ ޑެމޮކްރެޓުންގެ ފަރާތުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން ނެވެ.

އެމެރިކާގެ ވޮޝިންޓަން ފުލުހުން ބުނީ އަށް މެމްބަރަކު ހައްޔަރުކޮށްފައިވާ ކަން ކަށަވަރުކޮށްދޭ ކަމަށެވެ. ނަމަވެސް އެއީ ކޮން މެމްބަރުންނެއް ކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އެސޯސިއޭޓެޑް ޕްރެސް އިން ބުނީ ހައްޔަރުކޮށްފައިވާ ކޮންގްރެސްމަނުންގެ ތެރޭގައި މިނެސޯޓާއާއި ނިއު ޔޯކް، ޓެކްސަސް، އެރިޒޯނާ އަދި އިލީނޮއީގެ ކޮންގްރެސްމަނުން ހިމެނޭ ކަމަށެވެ.

އެސޯސިއޭޓެޑް ޕްރެސް އިން ނަގާފައިވާ ފޮޓޯތަކުން ބައެއް މެމްބަރުން ހައްޔަރުކުރާ މަންޒަރު ފެނިގެންދެ އެވެ. ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ހައްޔަރުކޮށްފައި ވަނީ ފަހަތަށް ބިޑި އެޅުމަށް ފަހުގަ އެވެ.

އެމެރިކާގެ ފުލުހުން ބުނެފައި ވަނީ ހައްޔަރުކޮށްފައިވާ ހުރިހާ މީހުންގެ މައްޗަށް ވެސް، ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ ގާނޫނުތަކުގެ ދަށުން "މަގުމަތީގައި އުޅޭ މީހުންނަށާއި ޓްރެފިކަން އުދަނގޫވާ ގޮތަށް މަގުމައްޗަށް ޖަމާވުމާއި، ޓްރެފިކަށް ހުރަސް އުޅުމުގެ" ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ.