ދެކުނު އެމެރިކާ ގައުމުތަކުގެ ކްލަބް ތަކުގެ މެދުގައި ކުޅެވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ލިބަޓަޑޮރެސް ކަޕް އެންމެ ފަހުން އުފުލައިލި ބްރެޒިލްގެ އެތުލެޓިކޯ މިނެއިރޯ 50000 ޑޮލަރުން ޖޫރިމަނާ ކުރުމަށް ސަރަހައްދީ ފުޓްބޯޅައިގެ މައި އިދާރާއިން ނިންމައިފި އެވެ.

ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ތަރި، ރޮނާލްޑީނިއޯ މިހާރު ކުޅޭ ކްލަބް ޖޫރިމަނާ ކުރުމަށް ޕެރަގުއޭގައި ހުންނަ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓްބޯޅައިގެ މައި އިދާރާ "ކޮންމެބޮލް" އިން ނިންމީ، ދަނޑުގެ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ނުވުމުގެ ސަބަބުންނެވެ.

"އެތުލެޓިކޯ މިނެއިރޯއާ ދެކޮޅަށް މި ފިޔަވަޅު އަޅަން ނިންމީ، ދަނޑުގައި ސަޕޯޓަރުން ފްލެއާ ރޯކުރުމާއި، ސަލާމަތީ ފިޔަވަޅުތައް ރަނގަޅަށް ބެލެހެއްޓިފައި ނުވުމުގެ ސަބަބުން، ހުއްދަ ނެތް އެތައްޔަކު ދަނޑުމައްޗަށް އެރުން،" ކޮންމެބޮލް ވެބްސައިޓުގައިވެ އެވެ.

ޕެރަގުއޭގެ އޮލިމްޕިއާ ދެ ލެގްގެ ނަތީޖާ 2-2 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން އެ މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް އުފުލައިލި މިނެއިރޯ ބޭނުންނަމަ އެ މައްސަލަ އެޕީލް ކުރުމުގެ ފުރުސަތުވެސް އޮތްކަމަށް ޕެރަގުއޭގައި ހުންނަ ސަރަހައްދީ ފުޓްބޯޅައިގެ މައި އިދާރާއިން ވަނީ ބުނެފަ އެވެ.

އެތުލެޓިކޯގެ ކުރިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބްރެޒިލްގެ ކޮރިންތިއާންސް ވެސް ވަނީ، ފެބްރުއަރީ މަހު އެ ކްލަބް ކުޅުނު މެޗެއްގައި ސަޕޯޓަރުން ފްލެއާ ރޯކުރުމުގެ ސަބަބުން ބޮލީވިއާގެ ކުއްޖަކު މަރުވި ހާދިސާގައި 200000 ޑޮލަރުން ޖޫރިމަނާކޮށް ދިގު މުއްދަތަކަށް ސަސްޕެންޑް ކޮށްފަ އެވެ. އެހެން ނަމަވެސް ފަހުން އެ ސަސްޕެންޝަން ވަނީ ލުއިކޮށްދީފަ އެވެ.

ދެކުނު އެމެރިކާގެ ގައުމުތަކުގައި ފުޓްބޯޅަ މެޗުތަށް ބަލަން ދަނޑަށްވަންނަ ސަޕޯޓަރުން ފްލެއާ ފަދަ ތަކެތި ދަނޑުގައި ރޯކުރުމަކީ ވަރަށް އާންމު ކަމެކެވެ.