09 Oct 2013, 12:10
އުރުގުއޭ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ގުސް ޕޮއެޓް އިނގިރޭސި ވިލާތުގެ ސަންޑަލެންޑުގެ ކޯޗަކަށް ހަމަޖައްސައިފި އެވެ.
ސަންޑަލެންޑުގެ ކޯޗަކަށް އުމުރުން 45 އަހަރުގެ ގުސް ޕޮއެޓް ހަމަޖައްސާފައި ވަނީ ކުރީގެ ކޯޗް އިޓަލީގެ ޕައޮލޯ ޑި ކެނިއޯ އެމަގާމުން ވަކިކޮށްފައި ވުމުންނެވެ. އަދި ގުސް ސަންޑަލެންޑުގެ ކޯޗް ކަމާ ހަވާލުވެފައި ވަނީ ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ޗެލްސީ އާއި ރެއާލް ޒަރަގޯޒާ އަދި ޓޮޓެންހަމް ހޮޓްސްޕާސްއަށް ކުރިން ކުޅުނު ޕޮއެޓް ސަންޑަލެންޑުގެ ކޯޗްކަމާ ހަވާލުވުމަށްފަހު ބުނީ، ސަންޑަލޭންޑުން ހަވާލުކޮށްފައިވާ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދޭން ބޭނުންވާކަމަށާއި ހަމައެޔާއެކު ލީގު ތާވަލްގެ އެންމެ ފުލުގައި ސަންޑަލޭންޑް އޮތް އޮތުން އަރައިގަނެ، ޓީމް ރެލިގޭޝަނުން ސަލާމަތް ކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ.
"އަހަރެން މިހިރީ ސަންޑަލޭންޑަށް އެހީވާން. އެޓިމް މިހާރު ވެއްޓިފައިވާ ވަޅުގަނޑުން ނެގުމަށް ތައްޔާރަށް. އަހަރެން ވަރަށް ރަނގަޅަށް ސަންޑަލޭންޑުގެ ކުޅުންތެރިން ދަންނަން. އެކުޅުންތެރިންނާއެކު މަސައްކަތް ކުރަން ފަސޭހަވާނެ." ޕޮއެޓް އެވެ.
ޕޮއެޓް ސަންޑަލޭންޑުގެ ކޯޗް ކަމާހަވާލުވިއިރު، ލީގުގައި އެޓީމް އޮތީ މިހާތަނަށް ކުޅުނު ހަތް މެޗާއެކު އެއް ޕޮއިންޓު ލިބިގެން އެންމެ ފުލުގަ އެވެ.