މި ސީޒަންގައި ދުނިޔޭގެ ރެކޯޑް ފީ އަކަށް ރެއާލް މެޑްރިޑާ ގުޅުނު ވޭލްސް މިޑްފީލްޑަރު ގެރެތު ބޭލް، 24، އެޓީމުގައި ކާމިޔާބަށް އެދޭނަމަ ކްރިސްޓިއާނޯ ރޮނާލްޑޯއާ ގުޅުން ރަނގަޅު ކުރަން ޖެހޭކަމަށް ބޭލްގެ ކުރީގެ ކޯޗު ހެރީ ރެޑްނެޕް ބުނެފި އެވެ.

ޓޮޓެންހަމް ހޮޓް ސްޕާއިން އެންމެ ފަހުގެ ޓްރާންސްފާގައި 86 މިލިޔަން ޕައުންޑަށް ރެއާލްއާ ގުޅުނު ބޭލް މަސައްކަތް ކުރަން ޖެހެނީ އެޓީމަށް އޭގެ ކުރިން ދުނިޔޭގެ ރެކޯޑު ފީއަކަށް މެންޗެސްޓާ ޔުނައިޓެޑުން ރެއާލްއަށް ގެންދިޔަ ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު އެވެ.

"ރޮނާލްޑޯއާ އެކު ބޭލް ބާއްވާ ގުޅުމެއްގެ މައްޗަށް ހުރިހާ ކަމެއްވެސް ބިނާވާނީ. ސަބަބަކީ ފުޓްބޯޅައިގެ ގުޅުން ރަނގަޅަށް ދެމެހެއްޓިއްޖެ ނަމަ ދެން ދިމާވާ އެހެން ކަންތައްތައް ވަރަށް ފަސޭހައިން ހަނދާން ނައްތާ ލެވޭނެ،" ޓޮޓެންހަމްގެ ކުރީގެ ކޯޗު ރެޑްނެޕް ބުންޏެވެ.

"ބޭލްއާ ކުރިމަތިވާނެ އެންމެ ބޮޑު އިމްތިހާނަކީ ރޮނާލްޑޯގެ ހިޔަނީގައި ޔަގީން ކަމާއެކު މަސައްކަތް ކުރުމުގެ ގާބިލްކަން ހޯދުން. އެއީ ނަފްސާނީ ގޮތުން އެހާ ފަސޭހަ ކަމަކަށް ނުވާނެ،" ރެޑްނެޕް އޭނާ ޑެއިލީ މެއިލްއަށް ލިޔުނު އާ ފޮތުގައި ލިޔެފައިވެ އެވެ.

"ރޮނާލްޑޯއަކީ މެޑްރިޑްގައި ކާމިޔާބު ކުޅުންތެރިއެއް އެހެން ކަމުން ޓީމަށް ލިބޭ 10 ހިލޭ ޖެހުމުގެ ތެރެއިން 9 ހިލޭޖެހުން ރޮނާލްޑޯ ބޭނުންވާނެ ފޮނުވާލަން. ބޭލް ޖެހޭނެ އެކަހަލަ ކަންތައްތައް އަމިއްލަ ނަފްސަށް ވިސްނަދޭން. އޭނާ ވިސްނަން ޖެހޭނީ 86 ޕައުންޑުގެ ކުޅުންތެރިއަކު ވިސްނަން ޖެހޭ ގޮތަށް،" ރެޑްނެޕް ބުނެފައިވެ އެވެ. "ހަމަ ޔަގީނުންވެސް އެނގޭ ކަމަކީ އެ ކްލަބަށް ހޯދައެއް ނުދެވޭނެ އެއް މެޗުގައި ކޮންމެ ކުޅުންތެރި އަކަށް ބޯޅައެއް. އެހެން ކަމުން ދެކުޅުންތެރިންވެސް ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭނީ. ސަބަބަކީ އެ ދެކުޅުންތެރިންނަކީވެސް ދާދި އެއް ފެންވަރުގެ ދެ ކުޅުންތެރިން."

ރެޑްނެޕް ބުނީ އޭނާ އެންމެ ބޮޑަށް ބިރުގަންނަނީ، މިސާލަކަށް ބޭލް ހިލޭޖެހުމެއް ފޮނުވާލުމުން އެ ބޯޅަ ރަނގަޅަށް ފޮނުވާ ނުލެވިއްޖެ ހާލަތެއްގައި ރޮނާލްޑޯ ހިތްހަމަ ނުޖެހިގެން ވައިގެ ތެރެއަށް އަތް ހޫރާލާވަގުތު އެކަން ބޭލްއަށް ހަޖަމް ނުކުރެވިދާނެތީ އެވެ.

"ބޭލްއަކީ މަޑުމައިތި މިޒާޖެއްގެ ކުޅުންތެރިއެއް އެހެން ނަމަވެސް އެކަހަލަ ހާލަތެއްގައި ތޮށިގަނޑުގެ ތެރޭގައި ފޮރުވިގެން އިނުން އެއީ ބޭލްއަށް ނުވެދާނެ ކަމެއް،" ރެޑްނެޕް ބުންޏެވެ.

ރެޑްނެޕް އިތުރަށް ބުނީ، ބާނަބިއުގައި ކާމިޔާބަށް އެދޭނަމަ ރޮނާލްޑޯއާ އެކު މަސައްކަތް ކުރުމުގެ އިތުރުން އެތަނުގައި ތިބި އެނާ ދަންނަ މީހުންނާ ގާތް ގުޅުމެއް ބާއްވަ ންޖެހޭ ކަމަށެވެ. އެގޮތުން އިނގިރޭސި ބަސް ރަނގަޅަށް ދަންނަ، ޗެލްސީގެ ކުރީގެ ކޯޗު އަދި މިހާރު ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީ އާއި އޭނާގެ އެސިސްޓެންޓް ކްލެމެންޓް ކާލޯ އާއި ޓޮޓެންހަމްގައި ބޭލްއާ އެއްކޮށް ކުރިން ކުޅުނު މިހާރު ރެއާލްގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗްއަށް އޭނާއަށް އެހީތެރި ވެވޭނެ ކަމަށެވެ.