ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ނަމުގައި ޖީއެމްއާރު ކުންފުނިން ނަގާފައިވާ ކަމަށް ބުނާ ޓިކެޓްތަކެއްގެ މައުލޫމާތު ލީކްވެއްޖެ އެވެ.


އެ ދެ ޓިކެޓްގައިވާ ގޮތުން އެ ދެ ބޭފުޅުން ކޮލަމްބޯ މަގުން ދިއްލީ އަށް ދަތުރު ކުރެއްވުމަށް ކަނޑައަޅާފައި ވަނީ ޔޫއެލް 196 އިން 30 އޮކްޓޫބަރު 2010 ގަ އެވެ. އަދި އެރޭ ކޮލަމްބޯ މަގުން، ޔޫއެލް 107 އިން އެނބުރި މާލެ ވަޑައިގަތުމަށް ވެސް ބުކިންސް ހަދާފައިވެ އެވެ. ނަމަވެސް ސަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި ދެ ބޭފުޅުންގެ ދަތުފުޅު ވަނީ ފަހުން ކެންސަލްކޮށްފަ އެވެ.


ނަމަވެސް އެ ދެ ޓިކެޓާ ބެހޭ ގޮތުން ދައްކާ ވާހަކަ ތަސްމީން ދޮގުކުރައްވަ އެވެ.


އެ ހަބަރު ޝާއިކުރި ފަހުން ތަސްމީން ކޯލް ރިޓާން ކުރައްވައި ވިދާޅުވީ އޭނާ ޖީއެމްއާރު މެދުވެރިކޮށް ޓިކެޓެއް ބައްލަވައި ނުގަންނަވާ ކަމަށާއި "ޖީއެމްއާރުން ގަތް ޓިކެޓްގެ ކަންތައް އެނގޭނީ ޖީއެމްއާރަށް" ކަމަށެވެ.


ޝާހިދު ފަހުން ގުޅުއްވައި ވިދާޅުވީ އޭނާ ދުވަހަކު ވެސް ޖީއެމްއާރު ބަޔަކާ ފޯނުން ވެސް އަދި އެ ނޫން ގޮތަކަށް ވެސް ބައްދަލުނުކުރައްވާ ކަމަށާއި ބައެއް ސައިޓްތަކުގައި އެ ބޭފުޅުން ޖީއެމްއާރު މީހުންނާ ބައްދަލުކުރެއްވި ކަމަށް ދައްކާ ވާހަކަ އަކީ އެއްވެސް އަސްލެއް ނެތް ވާހަކައެއް ކަމަށެވެ.