ރާއްޖެ ޓީވީ ހިންގަމުން އައި ކްއީން އޮފް ދަ ނައިޓް އިމާރާތުގައި ހުޅުޖެހި ހާދިސާ ރަނގަޅަށް ތަހުގީގުކުރުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފި އެވެ.

އައިއެފްޖޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ ޓީވީ އަށް ދިން ހަމަލާ ރަނގަޅަށް ތަހުގީގުކޮށް އެކަމުގައި ސިޔާސީ މަގުސަދެއް ވޭތޯ ބެލުމަށް ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

އައިއެފްޖޭއާ ގުޅިފައިވާ ރާއްޖޭގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ އިން) އިން ގޮވާލާފައިވާ ގޮވާލުން އައިއެފްޖޭ އިން ވެސް ތަކުރާރުކުރާ ކަމަށް ބަޔާނުގައިވެ އެވެ.

"ގާނޫނާ ހިލާފު ކަންތައްތަކާއި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ބްރޯޑްކާސްޓް ކުރުމާ ދުރުހެލިވުމަށް އެމްޖޭއޭ އިން ރާއްޖޭގެ މީޑިއާތަކަށް ގޮވާލާފައިވާ ގޮވާލުން އަހަރެމެން ފުރިހަމައަށް ތާއީދުކުރަމެވެ،" އައިއެފްޖޭގެ ބަޔާނުގައިވެ އެވެ.

ރާއްޖެ ޓީވީ ހިންގަމުން އައި ކްއީން އޮފް ދަ ނައިޓް އިމާރާތުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފަތި ބަޔަކު ހުޅުޖެހުމުގެ ސަބަބުން އެތަނާއި އެތަނުގައިވާ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. ނަމަވެސް އެހެން ތަނެއްގައި ސެޓަޕް ހަދައި އެޓީވީގެ ހިދުމަތް ވަނީ އަލުން ފަށާފަ އެވެ.