ކޮންމެ ފުލުހަކު ވެސް ފަރުދީގޮތުން ކުރާ ކުށަކަށް އެ ފުލުހަކު ޖަވާބުދާރީވާން ޖެހޭނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

އިސްކަންދަރު ބިލްޑިންގައި ހުރިހާ ފުލުހުންނާ ބައްދަލު ކުރައްވާ އިއްޔެ ރިޔާޒު ވިދާޅުވީ ކޮންމެ ފުލުހަކު ވެސް ފަރުދީގޮތުން ކުރާ ކުށަކަށް އެ ފުލުހަކު ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި ސިޔާސީ ގޮތުން ފުލުހުންނަށް ލިބޭ ހައްގަކީ ހަމައެކަނި ވޯޓު ލުމުގެ ހައްގު ކަމަށެވެ. އަދި އެއްވެސް ފުލުހެއްގެ ވަޒީފާގައި ހުރެ ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ގާނޫނީ ކުށެއް ކަމަށާއި ކޮންމެ ފުލުހަކު ވެސް ގާނޫނީ އިމުގެ ބޭރުން ކުރާ ކަންކަން ބެލުމުގެ ފުރުސަތު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް އޮންނާނެކަން ގަބޫލުކުރަން ވާނެ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ގައުމަށް ދެރަކަމެއް ލިބޭނެ އަދި ގައުމަށް ގެއްލުމެއް ވެދާނެ އެއްވެސް ކަމެއް އެއްވެސް ފުލުހަކު ނުކުރުމަށް ކޮމިޝަނަރު ވަނީ ގޮވާލައްވައިފަ އެވެ.

ރިޔާސީ އިންތިޚާބުގެ ތާރީހުތައް އިއުލާނު ކުރުމާއެކު އޮޕަރޭޝަން ބުލޫވޭވްގެ މަސައްކަތް ފެށުމުގެ ކުރިން ބޭއްވި ބައްދަލުވުމުގައި ރިޔާޒު ވިދާޅުވީ ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ފުލުހުން ވަރަށް ބުރަކޮށް މަސައްކަތްކޮށް، ގައުމީ ފުލުހުންކަން ފިސާރި ކެރިގެން ރައްޔިތުންނަށް ސާބިތުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން އާއިލާތަކާއި ދުރުގައި އަތޮޅުތަކުގައި ގިނަ އަދަދެއްގެ ފުލުހުން މަސައްކަތް ކުރަމުންދިޔައިރު މާލޭގައި ތިބި ފުލުހުން ރެއެއް ދުވާލެއް، ވަރުބަލިކަމެއް، ފޫހިކަމެއްނެތި ގައުމީ ހިދުމަތުގައި ދެމިތިބީ މި ގައުމު އަމާންކަމާއި ސުލްހަ މަސަލަސްކަންމަތީ ބޭއްވުމުގެ އަގުރި މަސައްކަތުގައިކަން ކޮމިޝަނަރު ފާހަގަ ކުރެއްވި އެވެ.

އެބައްދަލު ކުރެއްވުމުގައި ރިޔާޒު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އަބަދު ވެސް ފަސްޖެހުމެއްނެތި ސާބިތުކަންމަތީ ތިބޭނެ ކަމަށެވެ.

މީގެއިތުރުން ގާނޫނީ ގޮތުން ފުލުހުން ޖަވާބުދާރީ ވާންޖެހޭ ކޮންމެ ހާލަތެއްގައި ސާބިތުކަމާ އެކު ޖަވާބުދާރީވާނެކަމަށާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ގަދަރާއި އިއްޒަތް ހިފެހެއްޓައި ފުލުހުންގެ މުއައްސަސާ ދެމެހެއްޓުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާން އެއްވެސް ފުލުހަކު ފަސްޖެހިގެން ނުވާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.