09 Oct 2013, 11:57
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމުގެ ވާހަކަ ދައްކަމުންދާ އިރު، އެހެން ޕާޓީތަކާ ގުޅިގެން އެންމެ ބޮޑަށް މަސައްކަތްކުރާ ޕާޓީއަކީ ޕީޕީއެމް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންގް މޭޓް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލުކޮށް އާ އިންތިހާބެއް ބާއްވަން ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެން ޕީޕީއެމްގެ ކެމްޕެއިން ފެށުމުގެ ކުރިން ޕާޓީގެ އިސްވެރިންނާ އެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ އެހެން ޕާޓީތަކާ ގުޅިގެން އެކީގައި މަސައްކަތްކުރުމަށް ޕީޕީއެމްއިން އުޅޭ ކަމަށެވެ.
މިގޮތުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ގުޅުއްވައިގެން ޕީޕީއެމްގެ އެންމެ އިސް ބޭފުޅުން ވެސް މަޝްވަރާކޮށް ހައްދަވަމުންދާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
"ޕީޕީއެމަކީ އެކުގައި ގުޅިގެން މަސައްކަތް ކުރަން އުޅޭ ޕާޓީއެއް. އަޅުގަނޑު އެނގޭ ރައީސް ވަހީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ގުޅުއްވައިގެން އިސް ބޭފުޅުން މަޝްވަރާކުރައްވާ ކަން. ރައީސް މައުމޫން ވެސް އެބޭފުޅުންނާ ވާހަކަދައްކަވާ. އަދި ޔާމީން ވެސް އެކަން ކުރައްވާ،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލް މިހެން ވިދާޅުވެފައިވާ އިރު، އެމްޑީޕީއާ އިދިކޮޅު ޕާޓީތަކުން ކޯލިޝަނެއް ހަދައިގެން އެއް ކެންޑިޑޭޓެއް ނެރުމުގެ ވާހަކަތައް އަނެއްކާ ވެސް ވަނީ ދެކެވެން ފަށާފަ އެވެ.
މިގޮތުން އިއްޔެ ޖުމްހޫރީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންގް މޭޓް ޑރ. ހަސަން ސައީދު ވަނީ "އެއް ކެންޑިޑޭޓެއް ނެރުމުގެ ވިސްނުން" ގެންގުޅުއްވާ ކަމަށެވެ.
ރޭ ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އޮތް އިންތިހާބުގައި ހުރި މައްސަލަތައް ބަލާ، ސުޕްރީމް ކޯޓުން އިހުލާސްތެރިކަމާ އެކު ނިންމެވި ނިންމެވުމަށް ޓަކައި މަރުހަބާ ދަންނަވާ ކަމަށެވެ.
އަދި ވޯޓު އޮޅުވާ ނުލި ނަމަ، އިންތިހާބުން ސާފުވާނެ ކަމަކީ އެންމެ ގިނަ ރައްޔިތުންގެ ތާއީދު އޮތް ސިޔާސީ ޕާޓީއަކީ ޕީޕީއެމް ކަން ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކަމާ އެކު މިދަންނަވަނީ އެންމެ ގިނަ ރައްޔިތުންގެ ތާއީދު އޮތް ޕާޓީއަކީ ޕީޕީއެމްއޭ. ވޯޓު އޮޅުވާނުލި ނަމަ، އެކަން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައީސް." ޔާމީން ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުގައި ވެސް އެއް ކެންޑިޑޭޓެއް ނެރުމަށް ތާއީދުކުރައްވާ ކަމުގެ އިޝާރާތެއް ކުރެއްވި އެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނު ވެސް އެކި ފަހަރު މަތިން ރައީސް ވަހީދު އަދި ގާސިމްއާ ފޯނުން ވާހަކަދައްކަވާ މަޝްވަރާކޮށް ހައްދަވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރުމުގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުން މުހިއްމު ކަމަށް މައުމޫން ވިދާޅުވި އެވެ.