09 Oct 2013, 11:40
ގައުމަށްޓަކައި ދީނަށްޓަކައި މިއަންނަ އިންތިހާބުގައި އެންމެ ފުރަތަމަ ކަމަކަށް ވާންވާނީ އެމްޑީޕީ ބަލިކުރުން ކަމަށާއި ވެރިކަމާ ދޭތެރޭގައި ވިސްނާނީ އެ އޭގެ ފަހުގައި ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯގެ ޖަލްސާ ކުރާ މާލުގައި ރޭ ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ދިވެހި ރާއްޖެ އަށް އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވި އިރު، ގާނޫނު އަސާސީ ހިމާޔަތްކުރުމަށް އެންމެ ވަރުގަދަ "ޖިހާދެއް" ކުރެއްވި ބަޔަކީ އިސްވެ ތިބެ ޕީޕީއެމް މީހުން ކަމަށެވެ. އެހެންކަމުން ގައުމަށް ޓަކައި ދީނަށް ޓަކައި މިފަހަރުގެ އިންތިހާބުގައި އެންމެ ފުރަތަމަކަމަކީ އެމްޑީޕީ ބަލިކުރުން ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުނގަޑުމެން އެންމެން މިކިޔާ ގޮތަށް، ގައުމަށް ޓަކައި ދީނަށް ޓަކައި މިކަންކުރާ ކަމަށްވަންޔާ، ފުރަތަމަ ކަމަކަށްވާން ވާނީ އެމްޑީޕީ ބަލިކުރުމޭ، އޭގެ ފަހުންނޭ އަޅުނގަޑުމެން ވިސްނާނީ ކޮންބައެއްތޯ ވެރިކަމަށް އަންނާނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމަށް ލިބުނު ވޯޓު މަދު ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެމްޑީޕީން އެއުޅެނީ ލިބެންވާ ވޯޓަށް ވުރެ ގިނައިން ވޯޓު ގުނިގެން ކަމަށެވެ. އަދި ދެ ވަނަ ބުރަށް އެންމެ ގިނަ ވޯޓު ލިބިގެންދާ ޕާޓީއަކީ ޕީޕީއެމްކަން އެންމެން ވެސް ގަބޫލުކުރާ ކަމަށާއި މިކަންތައް ރައީސް މައުމާނާ އެކު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުން ރައްޔިތުން ކުރައްވާ އިސްތިގުބާލުން އެނގިގެންދާ ކަމަށް ޔާމީން ވިދާޅުވި އެވެ.
މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލު ކުރުމަށް ފަހު އަލުން އިންތިހާބުގެ ފުރަތަމަ ބުރު ބާއްވަން ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ޔާމީން ވިދާޅުވީ ބައިނަލް އަގްވާމީ މުޖުތަމައުގެ ހުރިހާ ފަރާތްތަކަށް ވެސް މިހާރު މިކަން ހިނގާފައިވާ ގޮތް އިނގިފައިވާ ކަމަށާއި އަދި އެކަން ގަބޫލު ވެސް ކުރައްވާ ކަމަށެވެ.
ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ވެއްދި ހުރިހާ މައްސަލައަކަށް ސުޕްރީމް ކޯޓުން ރޭ ނެރުނު ހުކުމުގައި އިންސާފުކޮށްދެއްވާފައިވާ ކަމަށާއި ހާމަކަން ބޮޑު ވޯޓުލުމަކަށް މިމަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ވެގެންދާނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ގަބޫލުކުރައްވާ ކަމަށެވެ. އަދި ހާމަވެރި އިންތިހާބެއްގައި ވާދަކޮށްގެން ޕީޕީއެމް އަށް ވުރެ ކުރި ހޯދަވައިފި ނަމަ ބަލި ގަބޫލުކުރައްވާނެ ކަމަށް ވެސް ޔާމީން ވަނީ ރޭ ވިދާޅުވެފަ އެވެ.