09 Oct 2013, 11:31
ހދ. މަކުނުދޫގައި ހުންނަ އަދާލަތު ޕާޓީގެ ޖަހަގައެއްގައި ރޯކޮށްލައިފި އެވެ.
އެ ރަށު އަދާލަތު ޕާޓީ ގޮފީގެ ނައިބް ރައީސް އަލީ ނަޝީދު މިއަދު "ސަން" އަށް ވިދާޅުވީ އެ ރަށުގައި ހުންނަ އަދާލަތު ޕާޓީގެ "އަދާލަތު މަކުނުދޫ ފެންޑާ"ގައި ރޯކޮށްލާފައި ވަނީ ރޭ ދަންވަރު ތިނެއްގެ ފަހުން ކަމަށެވެ. އަދި އެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި ނަމަވެސް ރޯކޮށްލި ގުދަނު ބައިގައި ހުރި ހުރިހާ އެއްޗެއްހެން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.
"ގުދަންބައިގައި އެއްޗެހި ހުންނަ ބައިގައި ހުރި ހުރިހާ އެއްޗެއް ހަމަ އަނދާހުލިވެފައި ވަނީ. ޓީވީ އާއި އެމްޕާ އެނޫން ވެސް 50 ގޮނޑިއާ އެހުރިހާ އެއްޗެއް. ދެން ހުރިހާ ލިޔެކިޔުންތަކާ،" އޭނާ ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ ރޯކޮށްލާފައިވާތަން ނިއްވާލާފައި ވަނީ ރަށު ރައްޔިތުންނާއި ސިފައިން ގުޅިގެން ރޭ ދަންވަރު ގާތްގަނޑަކަށް 4:30 އެހާކަންހާއިރު ކަމަށެވެ.
ފުލުހުން ބުނީ މަކުނުދޫ ޖަހަގައެއްގައި ރޯކޮށްލާފައިވާކަން ރޭ ފަތިހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.