މިދިޔަ މަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރި ކެމަރޫންގެ ކެޕްޓަން ސެމުއެލް އެޓޫ އޭނާ އަލުން އެނބުރި ގައުމީ ޓީމާ ގުޅެން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

ކެމަރޫންގެ ކެޕްޓަންކަން ދިގު މުއްދަތަކަށް ކޮށްފައިވާ އަދި މިހާރު އިނގިރޭސި ވިލާތުގެ ޗެލްސީއަށް ކުޅޭ ތަޖުރިބާކާރު ފޯވާޑް ބުނީ، އޭނާ ގައުމީ ޓީމަށް ބައިނަލްއަގްވާމީ ފުޓްބޯޅަ ކުޅުމަށް އެނބުރި އައީ އެގައުމުގެ އެންމެ އިސްވެރިޔާގެ އެދުމުގެ މަތިން ކަމަށެވެ.

"އެއީ ގައުމުގެ އެންމެ މަތީ ވެރިޔާގެ އެދުމެއް އަހަރެން އެނބުރި ގައުމީ ޓީމާ ގުޅިގެން މިއަހަރުގެ ވޯލްޑް ކަޕަށް ކެމަރޫން ކޮލިފައި ކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަކީ،" ކެމަރޫންގެ ރައީސް އޮފީހުގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލު ކުރުމަށްފަހު އެޓޫ ބުންޏެވެ.

އާއިލީ ސަބަބުތަކަކަށްޓަކައި ގައުމީ ޓީމަށް ކުޅުން ހުއްޓައިލިކަން އެޓޫ އިއުލާނުކުރީ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ މަހު ލީބިޔާއާ ދެކޮޅަށް ކެމަރޫން ކުޅުނު މެޗަށް ފަހު އެވެ.

"އަހަރެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން ފްރާންސްގައި އޮންނަ ފަރިތަކުރުންތަކުގައި އަހަރެމެންގެ ގައުމީ ޓީމުގެ ކުޅުންތެރިންނާ ބައިވެރި ވުމަށް،" އެޓޫ އިތުރަށް ބުންޏެވެ.

ރިޓަޔާމަންޓް ސިޓީއެއް އެޓޫ ފޮނުވާފައި ވީ ނަމަވެސް ކެމަރޫން ޓީމުގެ ކޯޗު ވޮލްކޭ ފިންކޭ އެ ސިޓީ އެހާ ސީރިއަސް ކަމެއްގެ ގޮތުގައި ނުނަގަ އެވެ. އަދި ތޫނިސްއާ ދެކޮޅަށް އާދިއްތަ ދުވަހު ކެމަރޫން ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ނަގާފައިވާ ޓީމުގެ ސްކޮޑްގައި އޭނާ ވަނީ އެޓޫގެ ނަން ހިމަނާފަ އެވެ.

ރަޝާގެ އާންޒީ އިން މި ދިޔަ އޯގަސްޓް މަހު ޗެލްސީއާ ގުޅުނު ފޯވަޑް ވަނީ ޔޫރަޕިއަން ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ އިންޓަ މިލާންގައި އެއްފަހަރު އަދި ބާސެލޯނާގައި ދެފަހަރު އެ ތަށި ކާމިޔާބު ކޮށްފަ އެވެ.