09 Oct 2013, 11:16
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ފަހު އެއްވެސް ކެންޑިޑޭޓަކަށް ނަން އަނބުރާ ނުގެންދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
"ސަން" މިއަދު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކެރަޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ ސުޕްރީމް ކޯޓުން ބާތިލުކޮށްފައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ކަމަށެވެ.
"ސުޕްރީމް ކޯޓުން ބާތިލުކޮށްފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ. ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ފަހު ނަން އަނބުރާ ނުގެންދެވޭނެ،" އާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އަލުން އާ ރިޔާސީ އިންތިހާބަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާ ނުލާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ކުރިމަތި ލުމަށް އިއުލާނު ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މަހުގެ 19 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ނަންފުޅުތަކުގެ ތަރުތީބަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ތަރުތީބު އޮންނާނީ މި ދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އޮތް ތަރުތީބު އެގޮތަށް ކަމަށެވެ.
އާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހައްދަވާނެ ގޮތެއް ކޮމިޝަނަށް އަދި އަންގަވާފައި ނުވާ ކަމަށެވެ. އަދި ރައީސް ވަހީދު ވާދަ ނުކުރައްވާ ނަމަ ދެން ކަންތައް ކުރާނެ ގޮތެއް ނިންމަވާނީ ކޮމިޝަންގެ ލީގަލް ޓީމާ ވާހަކަ ދެއްކުމަށް ފަހުގައި ކަމަށް އާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ނަންފުޅެއް އަނބުރާ ނުގެންދެވޭނެ ކަމަށް ކޮމިޝަން ބުނެފައިވީ ނަމަވެސް ރައީސް ޑރ. މުހައްމަދު ވަހީދުގެ ރަނިންމޭޓް އަދި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވަނީ ރައީސް ވަހީދުގެ ފަހަތަށް އަލުން ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.