09 Oct 2013, 11:01
ޕްރެޒިޑެންޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ އޭވައިއެލްއާއި ދެކޮޅަށް ނިކުނައިރު ބީޖީގެ ކޯޗަކީ އިސްމާއީލް އަނިލް ކަމަށް އެޓީމުން ބުނެފި އެވެ.
މިރޭގެ މެޗުގައި ބީޖީގެ ހެޑްކޯޗަކަށް އަނިލް ހަމަޖެއްސީ މި ސީޒަނުގެ ވަކި ހިސާބަކުން އެޓީމަށް ގެނައި އިޓަލީގެ ކޯޗު ފަބިއޯ ލޮޕޭޒް މިވަގުތު ރާއްޖޭގައި ނެތުމުން ނެވެ. މީގެ ކުރިން އަނިލް ހުރީ ބީޖީގެ އެސިސްޓެންޓު ކޯޗެއްގެ ގޮތުގަ އެވެ.
ބީޖީގެ އިސް އޮފިޝަލަކު "ސަން"އާ ވާހަކަ ދައްކަމުން ބުނީ، މިރޭގެ މެޗުގެ ހެޑް ކޯޗަކަށް އަނިލް ހަމަޖެއްސީ ކޯޗް ފަބިއޯ ލޮޕޭޒް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސްފައި ވާތީވެކަމަށެވެ. އަދި މީގެ އިތުރުން ކޯޗް ފަބިއޯ މަގާމުން ދުރުކުރިކަމަށް ދެކެވޭ ވާހަކަ ތަކާ ގުޅިގެން "ސަން"އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޮފިޝަލް ވިދާޅުވީ، ކޯޗް މަގާމުން ދުރު ކުރުމާ މެދު ގޮތެއް ފައިނަލް ނުވާކަމަށެވެ.
"މިރޭގެ މެޗުގައި ބީޖީގެ ހެޑް ކޯޗަކީ އަނިލް. ކުރީގެ ކޯޗް މިވަގުތު ރާއްޖެއަކު ނެތް. ފަބިއޯ މަގާމުން ދުރުކުރުމާ މެދު އަދި ގޮތެއް ނިންމާފައެއް ނެތެ." އޮފިޝަލް ވިދާޅުވި އެވެ.
ފުރަތަމަ ފަހަރަށް މި އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅުނު ބީޖީގެ ކޯޗު ފަބިއޯ އާއި ބެހޭ ގޮތުން މީޑިއާތަކުގައި މިހާރު ދެކެވެމުން އަންނަނީ އޭނަ އެމަގާމުން ދުރުކޮށް ފޮނުވާލައިފައިވާކަމަށެވެ. ބީޖީން ލޮޕޭޒް ގެނައީ މި ސީޒަން ފެށުނުއިރު ޓީމުގެ ކޯޗުކަމުގައި ހުރި މުހައްމަދު ޝާޒްލީ ވަކިކޮށްފަ އެވެ.
މިރޭ އޭވައޮއެލްއާ ދެކޮޅަށް އަނިލްގެ އިރުޝާދުގެ ދަށުން ބީޖީ ނިކުނައިރު މި ސީޒަންގެ ދެވަނަ ޓްރާންސްފާ ޕީރިއަޑްގައި ބީޖީ ސްޕޯޓްސް އަށް ގެނައި އައިވަރީ ކޯސްޓްގެ ފޯވަޑް އޮސްމާން ކޭދާ އާއި ސާބިއާގެ މިޑްފީލްޑަރު މްލަޑެން ރިސްޓިކް އެކުލަބުން ވަނީ މިދިޔަ މަހުގެ ތެރޭގައި ފޮނުވާލައިފަ އެވެ.