މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރީ ރަޖިސްޓްރޭޝަނަށް ދެވޭނީ އެއް ދުވަސް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ސުޕްރީމް ކޯޓުން ބާތިލުކޮށް އަލުން އިންތިހާބު ބޭއްވުމަށް އެ ކޯޓުން އަންގާފައިވާ ތާރީހުތަކުގައި އިންތިހާބުގެ ކަންތައްތައް ކުރަން ޖެހޭތީ ރީ ރަޖިސްޓޭޝަން އަށް އެއް ދުވަހަށް ވުރެ ގިނަ ދުވަސް ދެވެން ނެތް ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް 19 އޮކްޓޫބަރުގައި އިންތިހާބު ބޭއްވުމަށް އިއުލާންކޮށް މިކަމަށް ޓަކައި ކޮމިޝަނުން ވާން ޖެހޭ ތައްޔާރީތައް މިދަނީ ވަމުންނެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމުގައިވާ މި މުއްދަތުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ޓަކައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރުމަށް ފުރުސަތު ދެވޭނީ އެންމެ ދުވަހެކެވެ،" ކޮމިޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރީ ރަޖިސްޓްރޭޝަނަށް ދެވޭނީ އެއް ދުވަސް ކަމަށް ކޮމިޝަނުން ބުނެފައިވީ ނަމަވެސް ރީ ރަޖިސްޓްރޭޝަން އަށް ހުޅުވާލާނެ ތާރީހެއް އެ ކޮމިޝަނުން ބުނެފައެއް ނުވެ އެވެ.

ކޮމިޝަންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ ކޮމިޝަނުންވީ އެންމެ އަވަހަކަށް ރީ ރަޖިސްޓްރޭޝަން އަށް ހުޅުވާލާނެ ކަމަށެވެ. އަދި ރީ ރަޖިސްޓްރޭޝަން އަށް ދެވޭ އެއް ދުވަހުގެ ފުރުސަތުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ލުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަކުން ވެސް އެކަމަށް ސަމާލުކަންދީގެން އެކަން ކުރުމަށް ކޮމިޝަނުން އިލްތިމާސްކޮށްފައިވެ އެވެ.