މާލޭގައި ބަސްދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި ޓެސްޓް ދަތުރުތައް ފެށުމުގެ ހުއްދަ ބަޔަކަށް ދީފައިވާ ކަމަށް މާލޭ މުނިސިޕަލްޓީން ބުނެފި އެވެ.


މުނިސިޕަލްޓީން ބުނި ގޮތުގައި ޓެސްޓް ދަތުރުތައް ފެށުމުގެ ހުއްދަ ބިޑަކާނުލައި ދީފައި ވަނީ އެމްވީކޭ އަށެވެ.


މުނިސިޕަލްޓީގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝާކިރު މިއަދު ވިދާޅުވީ އެމްވީކޭ އިން އައްޑޫގައި ދުއްވުމަށް ގެންސްފައި ހުރި ބަސްތަކުގެ ތެރެއިން ދެ ބަހެއް މާލޭގައި ބާއްވާފައި ވަނީ މާލޭގައި ބަސް ދަތުރުތައް ފެށުމުގެ ގޮތުން ޓެސްޓް ދަތުރުތަކެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތީން ކަމަށެވެ.


"ރައީސްގެ އެދުމުގެ މަތީން އެމްވީކޭ އިން އައްޑުއަށް ގެނައި ބަސްތަކުގެ ތެރެއިން ދެ ބަހެއް މާލޭގައި ޓެސްޓް ދަތުރުތަކެއް ކުރުމަށް ބާއްވާފައި އޮތީ. މަޝްވަރާތައް ކުރިއަށް ދަނީ. ފަށާނެ ވަކި މުއްދަތެއް އަޅުގަނޑުމެންނަކަށް ނޭނގެ." އޭނާ ވިދާޅުވި އެވެ.


ނަމަވެސް މާލޭގައި ރަސްމީކޮށް ބަސް ދުއްވުމުގެ ލައިސަންސް އަދި އެމްވީކޭ އަށް ހަވާލުކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.


އެމްވީކޭގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މާލެގައި ދުއްވުމަށް 28 ސީޓުގެ ދެ ބަސް ގެނެސްފައި އޮންނަތާ ދެ މަސް ދުވަސް ވެއްޖެ ކަމަށެވެ. ނަމަވެސް ދަތުރުތައް ފަށާނެ ވަކި ތާރީހެއް އަދި ކަނޑައެޅިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ބަސް ދަތުރު ކުރާނީ ކޮން ސަރަހައްދުތަކަކުން ކަމާއި ބަހުގެ ޓިކެޓްގެ އަގަކީ ކޮބައިކަމެއް ވެސް އަދި ކަނޑައެޅާފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.  


"އަޅުގަނޑުމެން ދެ ބަސް މާލެ އަށް ގެނެސްފައި އޮންތާ ދެ މަސް ދުވަސް ވެއްޖެ. ބަސްދަތުރުތައް ކުރާނެ ރޫޓަކާއި [މަގާއި] ޓިކެޓްގެ އަގެއް އަދި ކަނޑައެއް ނޭޅޭ. މަޝްވަރާތައް ކުރިއަށް ދަނީ." އޭނާ ވިދާޅުވި އެވެ.


އެމްވީކޭ އިން ބުނި ގޮތުގައި އެމީހުން ރާއްޖެ އަށް 10 ބަސް ގެނައީ ދެކުނު ޕްރޮވިންސްގައި ބަސް ދަތުރު ކުރުމަށެވެ. ނަމަވެސް ފަހުން ދެ ބަސް މާލޭގައި ބޭއްވީ ކަމަށް އެ ފަރާތުން ބުންޏެވެ. އެމްވީކޭ އިން ސ. ހިތަދޫގައި ކުރަމުން އަންނަ ބަސްދަތުރުތަކުގައި ޓިކެޓްގެ އަގަކީ 10 ރުފިޔާ އެވެ.