09 Oct 2013, 10:47
އެންމެން ގަބޫލުކުރާ ސުލްހަވެރި އަދި އިތުބާރު ކުރެވޭ އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ގޮވާލައްވައިފި އެވެ.
ބާންކީމޫން ވިދާޅުވި ކަމަށް އޭނާގެ ރަސްމީ ތަރުޖަމާނު އިއްޔެ ނެރުއްވި ބަޔާނެއްގައި ވަނީ ރާއްޖޭގައި އާ އިންތިހާބެއް ބޭއްވުމަށް ސުޕްރީމްކޯޓުން ކޮށްފައިވާ އަމުރު ފާހަގަ ކުރެއްވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތް ބާން ފާހަގަ ކުރައްވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ހުށައެޅި މައްސަލައަކާ ގުޅިގެން ދެވަނަ ބުރު ބޭއްވުން ފަސްކުރަން ސުޕްރީމްކޯޓުން އަމުރެއް ނެރުމުން ޔޫއެން އިން އޭރު ކަންބޮޑުވުން ފާޅުކުރި އެވެ.