09 Oct 2013, 10:39
އަންނަ އަހަރު ބްރެޒިލްގައި ބާއްވަން ހަމަޖެހިފައިވާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތަށް އެގައުމުގައި ވަމުން އަންނަ ތައްޔާރީތައް ބަލާލުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ވެރިން އެގައުމަށް ކުރި ޒިޔާރާތަށް ހުރަސް އަޅައި މަދު ބަޔަކު މުޒާހަރާ ކޮށްފި އެވެ.
ވޯލްޑް ކަޕް 2014ގެ މެޗްތައް ކުޅުމަށް ބްރެޒިލްގައި ކުޅުމަށް ހަމަޖެހިފައިވާ 12 ސިޓީގެ ތެރެއިން ކުޔަބާގައި އިމާރާތް ކުރަމުން ގެންދާ "ޕެންޓާނަލް އެރީނާ" އަށް ފީފާގެ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވޮލްކޭ އާއި މުބާރާތުގެ އޯގަނައިޒިން ކޮމެޓީ ވަނުމަށް މަސައްކަތްކުރި ވަގުތު އެތަނުގައި މުޒާހަރާކުރަމުން ގެންދިޔަ މަދު އަދަދެއްގެ ބަޔަކު އެކަމަށް ހުރަސް އަޅައި، ޕްރެސް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވާ ހޯލް ހިސޯރު ކުރުމަށްވެސް މަސައްކަތް ކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.
"ފީފާ ގޯ ހޯމް" ލިވެފައިވާ ބެނާ ތަކެއް ހިފައިގެން މުޒާހަރާކުރަމުން ގެންދިޔަ ޕޯސްޓަލް މަސައްކަތު މީހުންނާއި ޓީޗަރުންގެ ބަޔަކު ގޮވަމުން ގެންދިޔައީ، ބްރެޒިލް ސަރުކާރުން އެގައުމުގެ ސިއްހަތާއި ތައުލީމަށް ކުރާ ހަރަދު އިތުރު ކުރުމަށެވެ.
"މުޒާހަރާ ކުރުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް. އަދި އެއީ ޑިމޮކްރަސީގެ ބައެއް. އެކަމަކު އެކަން ކުރަން ޖެހޭނީ ގާނޫނީ ހުދޫދުގެ ތެރެއިން،" ކުޔަބާގައި ހަދަމުން ގެންދާ ސްޓޭޑިއަމްގެ ތައްޔާރީތަކަށް ތައުރީފު ކުރަމުން ވޮލްކޭ ވިދާޅުވި އެވެ.
ވޯލްޑް ކަޕަށް ބްރެޒިލްގައި ތައްޔާރުކުރަމުން ގެންދާ ދަނޑު ތަކުގެ ތެރެއިން ކުޔަބާއާއި ޕޯޓޯ އެލެގްރޭ ގައި ހަދަމުންދާ ސްޓޭޑިއަމްގެ މަސައްކަތް ކުރައަށްދާ ގޮތް ބައްލަވާލެއްވުމަށް މިވަގުތު ބްރެޒިލްގައި ހުންނެވި ވޮލްކޭއާއި، އެ ސިޓީގެ މޭޔަރާއި ސަރުކާރުގެ ބައެއް އޮފިޝަލުން ސްޓޭޑިއަމް ތަކަށް ޒިޔާރަތް ކުރުމުން މުޒާހަރާގެ ބައިވެރިން ވަނީ އެ ބޭފުޅުންނާ ދިމާކޮށް އަޑުގަދަ ކޮށްފަ އެވެ.
ވޯލްޑް ކަޕް ބްރެޒިލް 2014ގެ އޯގަނައިޒިން ކޮމެޓީގެ މެންބަރުންގެ ތެރޭގައި ބްރެޒިލްގެ ކުރީގެ މަޝްހޫރު ދެ ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ ރޮނާލްޑޯއާއި ބެބެޓޯވެސް ހިމެނެ އެވެ.
މީގެ ތިންމަސް ދުވަސް ކުރިން، ފީފާ ކޮންފެޑެރޭޝަންސް ކަޕާ ދިމާކޮށް ވެސް ބްރެޒިލްގެ މަގުތަކުގައި އެތައް މިލިޔަން ބަޔަކު ވަނީ، އެގައުމުގެ ދަތުރުފަތުރުގެ ނިޒާމާއި އަދިވެސް އާންމުންނަށް ދޭންޖެހޭ ތަފާތު ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގޮވާލައި މުޒާހަރާ ކޮށްފަ އެވެ. އަދި މެޗުތައް ކުޅެމުން ދިޔަ ދަނޑުތަކަށް މީހުންތައް ވަންނަން ދިމާކުރުމުން ރަޔަޓް ފުލުހުންވަނީ އެމީހުން ފައްސާލައިފަ އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ އަމާން ކަމާއެކީ ކުރިއަށް ގެންދެވޭނޭ މުބާރާތަކަށް ހެދުމަށް ފީފާއިން މަސައްކަތް ކުރަމުން ގެންދާއިރު އެ އިދާރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބްރެޒިލްގައި އެކަމާ ދެކޮޅަށް ކުރަމުން ގެންދާ މުޒާހަރާ ތަކެވެ.