ސީއެޗްއެސްއީ އަށް ކުދިން ވެއްދުމުގައި އަމަލުކުރާ އުސޫލާ ހިލާފަށް، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކުދިން ވައްދަވާފައިވާ ކަމުގެ ތުހުމަތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިމާދު ސޯލިހުގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން ބުނީ އިމާދުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ 2013 ވަނަ އަހަރުގެ ޖޫން މަހު އެ ސްކޫލަށް 500 ކުދިން ވެއްދުމަށް އިއުލާން ކުރުމުން 700 އަށް ވުރެ ގިނަ ކުދިން ކުރިމަތިލާފައިވާ އިރު ޖާގަ ނުލިބުނު ކުދިންތަކުގެ ތެރޭގައި ހިމެނޭ ޝަރުތު ފުރިހަމަ ނުވާ ހަތަރު ކުއްޖަކަށް އެ ސްކޫލުގެ ކުދިންގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ބަޔާންކޮށް އެޑިއުކޭޝަނުން އެ ސްކޫލަށް ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށެވެ.

ސީއެޗްއެސްއީ އަށް ކުދިން ވެއްދުމުގައި 70 ޕޮއިންޓަށް ވުރެ މަތިން ފާސްވާން ޖެހެ އެވެ. އަދި އެގޮތުގެ މަތިން 2013 ވަނަ އަހަރުގެ ޖޫން މަހު އެ ސްކޫލަށް ވަންނަން ހުށަހެޅި ކުދިންގެ ތެރެއިން އެ ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ޖާގަ ދިނެވެ.

އިމާދާ ހަވާލާ ދެއްވައި އޭސީސީ އިން ބުނީ އެ ކުދިންނަށް ސީއެޗްއެސް އިން ޖާގަ ދީފައި ވަނީ ޖާގަ ދިން ހަތަރު ކުދިން ހެދުމަށް ބޭނުންވާ މާއްދާތައް އެކަނި ހެދެން އޮތީ ވިލާ ކޮލެޖުން ކަމަށާއި އެ ސްކޫލުން ޖާގަ ދެވެން ނެތް ކަމަށް އިމާދު ސޯލިހު ބުނެފައިވާ ކަމަށެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ވިލާ ކޮލެޖުގައި އެ ފުރުސަތު އޮތްތޯ ބެލުމަށް ފޮނުވި ސިޓީއަކާ ގުޅިގެން ވިލާ ކޮލެޖުގައި އެ ޖާގަ އޮތް ކަމަށް ބުނެފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ. އަދި އެ ކުދިންގެ ތެރެއިން އެއް ކުއްޖަކަށް އެދަރިވަރު ކިޔެވި ސްކޫލުން އޭލެވެލް ހެދުމުގެ ފުރުސަތު ހަމަޖެހިފައިވާ ކަމަށް ވެސް އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ގައުމީ ޕާޓީގެ ނާއިބު ރައީސް އިމާދު ސޯލިހު އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވަކިކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު އެވެ.