09 Oct 2013, 10:16
ލަންޑަން (އޮކްޓޯބަރ 8): އީރާނާ އެކު ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމްކުރުމުގެ މަސައްކަތް އިނގިރޭސި ސަރުކާރުން ކުރިޔަށްގެންދާ ކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހޭގް ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ޕާލަމެންޓްގެ ހައުސް އޮފް ކޮމަންސްގައި ވާހަކަ ދައްކަވަމުން ހޭގް ވިދާޅުވީ އީރާނަކީ މެދުއިރުމަތީގައިވާ ބޮޑު، ވަސީލަތްތައް ގިނަ، އަދި ނުފޫޒު ގަދަ ގައުމެއް ކަމަށާ އީރާނާ ގުޅުންތައް ކަނޑާލައިގެން ދިގުމުއްދަތަކަށް އޮތުމަކީ އިނގިރޭސިވިލާތަށް މަސްލަހަތު ހުރިގޮތެއްނޫން ކަމުގަ އެވެ. މިދިޔަ ޖޫންމަހު އީރާނުގެ ރައީސް ކަމަށް ޑރ. ހަސަން ރޫޙާނީ އިންތިޚާބުވެވަޑައިގަތުމަށް ފަހު އީރާނުގެ ސިޔާސަތުތަކަށާއި އީރާން ސަރުކާރުގެ ސުލޫކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާ މިފުރްސަތު ބޭނުންކޮށްގެން އީރާނާ އެކު އަލުން ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކުރުމަކީ ބުއްދިވެރި ކަމެއްކަމަށް އިނގިރޭސި ސަރުކާރުން ދެކޭކަމުގަ އެވެ. އީރާނުގެ އާ ރައީސް ހަސަން ރޫހާނީ ގެންގުޅުއްވަން ފައްޓަވާފައިވާ މެދުމިނުގެ ސިޔާސަތުތަކަށް ހިއްވަރުދޭން ޖެހޭ ކަމަށާ އަދި އެސިޔާސަތުތައް ތަޖްރިބާކުރަންވެސް ޖެހޭކަމަށް ހޭގް ވިދާޅުވި އެވެ.
އީރާނާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޑިޕްލޮމެޓިކް ގުޅުންތައް މީގެ ދެއަހަރު ކުރިން ކެނޑިގެން ދިޔައީ އިނގިރޭސި ވިލާތުން އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅި މައްސަލާގައި އިނގިރޭސި ސަރުކާރާ ދެކޮޅަށް އީރާނުގެ އެތައް ހާސްބަޔަކު ކުރި މުޒާހަރާތަކެއްގައި ތެހެރާންގައި ހުންނަ އިނގިރޭސިވިލާތުގެ އެންބަސީ އަށް ބަޔަކު ގެއްލުންތަކެއް ދިނުމާގުޅިގެންނެވެ. މިކަންތައްތަކަށް ފަހު އީރާނުގައި އިނގިރޭސި ޑިޕްލޮމޭޓުން އެދުވަސްވަރު ތިބުމަކީ ރައްކާތެރި ކަމެއް ނޫންކަމާއި އެންބަސީ އަށް ދިން ގެއްލުންތަކާ ގުޅިގެން އީރާނާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލުމަކީ އީރާނަށް ދެވޭނެ މެސެޖެއް ކަމަށް އެދުވަސްވަރު އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވިދާޅުވެފައިވެ އެވެ.
އީރާނާ ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމްކުރުމަށް އިނގިރޭސިވިލާތުން މަސައްކަތް ފަށާފައި މިވަނީ އީރާނާ ގާތްވުމަށް ޔޫރަޕްގެ އެހެން ބާރުތަކާއި އެމެރިކާ ވެސް މަސައްކަތް ކުރަމުން ގެންދާ ދުވަސްވަރެއްގަ އެވެ. ހުޅަނގުގެ ބާރުތަކުން އީރާނާ ގާތްވަމުންދާތީ މިކަމުގެ ސަބަބުން އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުވެ އެގައުމާ ދެކޮޅަށް އެމެރިކާ ފަދަ ހުޅަނގުގެ ބާރުތަކުން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުން ސަލާމަތްވުމުގެ ފުރްސަތު އީރާނަށް ލިބިދާނެތީ ގަލްފުގެ އަރަބި ގައުމުތައްވަނީ ކަންބޮޑުވެފަ އެވެ.
ދަތިކުރުމުގެ ދިޔަވަޅުތަކުން އީރާން ސަލާމަތްވެއްޖެ ނަމަ އީރާނަކީ ސަރަހައްދުގައި މިހާރަށްވުރެ ވެސް ބާރާއި ނުފޫޒު ގަދަ ސަރަހައްދީ ބާރަކަށް ވެގެންދާނެތީ އާއި އެފަދަ ހާލަތެއްގައި އެމެރިކާ އާއި އީރާން ގުޅިގެންދާ އިރު ގަލްފުގެ ކުދި އަރަބި ގައުމުތައް އެއްފަރާތްވެ އިހުމާލުވެގެންދާނެތީ އެކަމުގެ ބިރުއެގައުމުތަކުން އިހްސާސްކުރާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)