ވައިޓް ހައުސް (އޮކްޓޯބަރ 8): އަލްގާއިދާ އަށް ނިސްބަތްވާ ވަކިވަކި ފަރުދުންނާ ދެކޮޅަށާ އަދި އެޖަމާއަތާ ގުޅިފައިވާ ފަރާތްތަކާ ދެކޮޅަށް ހަރަކާތްތެރިވެ ޢަސްކަރީ އޮޕަރޭޝަންތައް އެމެރިކާ ހިންގަމުން ގެންދާނެ ކަމަށާއި ނަމަވެސް ހަނގުރާމަ އަކަށް އެމެރިކާ ނުދާނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އޮބާމާ ވިދާޅުވީ އަލްގާއިދާ އާއި އެ ޖަމާއަތާ ގުޅިފައިވާ ފަރާތްތަކާ ދެކޮޅަށް ޔަމަނާއި އެފްރިކާގެ ބައެއް ގައުމުތަކުގައި އެމެރިކާ ޢަސްކަރީ އޮޕަރޭޝަންތައް ހިންގައި އަސްކަރީގޮތުން ބައެއް ހަރަކާތްތައް ހިންގަމުން ގެންދާ ކަމަށާ މިހަފްތާގައި ލީބިޔާއާއި ސޮމާލިޔާގައި އެމެރިކާ ހިންގާފައި ވަނީ މިފަދަ އަސްކަރީ އޮޕަރޭޝަންތަކެއް ކަމުގަ އެވެ. އޮބާމާ ވިދާޅުވީ ޚަރަދު ބޮޑު އަދި ދިގުލީ ހަނގުރާމަތައް އެމެރިކާ ނުފަށާނެ ކަމާއި އަދި ހަނގުރާމަތަކަށް ވަނުމުގެ ވިސްނުންވެސް މިހާރު އެމެރިކާ ނުގެންގުޅޭކަމުގަ އެވެ.

އަލްގާއިދާ އަށް ނިސްބަތްވާ ވަކިވަކި ފަރުދުންނާ ދެކޮޅަށް ކުދިކުދި ޢަސްކަރީ އޮޕަރޭޝަންތައް ހިންގުމާއި ހަނގުރާމައެއް ފެށުމަކީ މުޅިން ތަފާތު ދެކަމެއް ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ. އެމެރިކާގެ ކޮމާންޑޯސްގެ ގްރޫޕަކުން މިހަފްތާގައި ލީބިޔާގައި ސިއްރިޔާތުގައި ހިންގި އަސްކަރީ އޮޕަރޭޝަނަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ އެގްރޫޕަކުން މިދިޔަ ހޮނިހިރު ދުވަހު ލީބިޔާގައި ހިންގި އޮޕަރޭޝަންގައި އަތުލައިގަތް އަބޫ އަނަސް އައްލީބީއަކީ އެމެރިކާގެ އަދާލަތަށް ބޭނުންވެފައިވާ މީހެއް ކަމުގަ އެވެ. އޭނާގެ ރޭވުންތަކުގެ ސަބަބުން އެމެރިކާ ރައްޔިތުންގެ އެތަށް ބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވާކަމަށް ވިދާޅުވެ އޮބާމާ ވާހަކަ ދެއްކެވިއިރު އެމެރިކާގެ ޙަމަލާތަކުގައި އިރާގާއި އަފްޣާނިސްތާނުގައި ފުރާނަތައް ގެއްލިފައިވާ އެތަށް ލައްކަ ބައެއްގެ ވާހަކައަށް އޮބާމާ ކުޑަކޮށްވެސް އިޝާރާތް ކުރައްވާފައެއް ނުވެ އެވެ.

ލީބިޔާ ސަރުކާރުގެ ހުއްދައަކާނުލައި ލީބިޔާގެ ވެރިރަށް ޓްރިޕޮލީއަށް ސިއްރިޔާތުގައި އެމެރިކާގެ ކޮމާންޑޯސް އިންގެ ގްރޫޕަކުންމިދިޔަ ހޮނިހިރު ދުވަހު ވަދެ ހިންގި އަމަލަކީ ލީބިޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ ހަރުކަށި އަމަލެއް ކަމަށްވާތީ އެކަމާދެކޮޅަށް އެގައުމުގެ ބައެއް ޖަމާއަތްތަކުން ވަނީ އެމެރިކާއަށް ބަހުގެ ހަމަލާތައް ދީފައެވެ. އަދި އެމެރިކާގެ މިއަމަލަކީ މީހުން ވަގަށް ނެގުމާއި ހައިޖެކް ކުރުމުގެ ޣައިރު ގާނޫނީ އަމަލެއް ކަމަށް އެމެރިކާ ވަގަށްނަގައިގެން ގެންދިޔަ އަބޫއަނަސް އައްލީބީގެ އާއިލާއިންވެސްވަނީ ސިފަކޮށްފައެވެ.

ލީބިޔާގައި ހިންގި އަސްކަރީ އޮޕަރޭޝަން ކާމިޔާބުވެފައިވީނަމަވެސް ސޮމާލިޔާގެ އައްޝަބާބް ޖަމާއަތުގެ ހަނގުރާމަވެރިއަކު މަރާލުމަށް ނޫނީ އޭނާ ހައްޔަރުކުރުމަށް އެދުވަހު ސޮމާލިޔާއަށް ސިއްރުންއަރައި އެމެރިކާގެ ކޮމާންޑޯސް އިން ހިންގި އޮޕަރޭޝަންވަނީ ނާކާމިޔާބުވެފައެވެ. (ރޮއިޓާސް)