09 Oct 2013, 09:56
ކާޑިފް ސިޓީއަށް ކުޅޭ ވޭލްސް ފޯވާޑް ކްރެއިގް ބެލަމީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް އޭނާ ބުނެފި އެވެ.
އުމުރުން 34 އަހަރުގެ ފޯވާޑް ބުނީ އޭނާ ބައިނަލްއަގްވާމީ ފުޓްބޯޅައާ ދުރަށްދާން ނިންމީ ވޭލްސްގެ ގައުމީ ޓީމުގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށާއި އަދި ވޯލްޑް ކަޕް ކޮލިފައިންގައި މެސެޑޯނިއާ އާއި ބެލްޖިއަމްއާ ދެކޮޅަށް ވޭލްސް ކުޅޭ މެޗުގެ ފަހުން އޭނާ ދެން ޓީމުން ނުފެންނާނޭ ކަމަށެވެ.
މެސެޑޯނިއާއާ ދެކޮޅަށް ވޭސްލްގައި ހުކުރު ދުވަހު ކުޅޭ މެޗަށް ބެލަމީ ނަގައިފި ނަމަ ގައުމީ ޓީމަށް 77 މެޗު ކުޅުމުގެ ފުރުސަތު ލިބިގެންދާއިރު އޭނާ ވެގެންދާނީ، އެޓީމަށް އެންމެ ގިނައިން ކުޅުނު ތިންކުޅުންތެރިންގެ ތެރޭގަ އެވެ.
"މިއީ އަހަރެން ވޭލްސް ޓީމުން ފެންނާނޭ އެންމެ ފަހު ހަފްތާ. ނޮވެމްބަރުގައި އަހަރެން ނުފެންނާނެ،" ކުރިން ލިވަޕޫލާއި މެންޗެސްޓާ ސިޓީއަށް ވެސް ކުޅުނު ފޯވާޑް ބުންޏެވެ.
"އަމިއްލަ ދަނޑުގައި ވޭލްސް ޓީމަށް ކުޅޭ އެންމެ ފަހު މެޗު ހުކުރު ދުވަހު ކުޅެން ހަމަޖެހިފައިވާ އިރު އަހަރެންގެ އިހްސާސްތައް ބުނެދޭންވެސް ނޭނގެ. އަހަންނަށް އެ ޖަޒްބާތުގެ އަސަރު ވޭލްސް ކުޅޭ މެޗްތައް ބަލަން އިންނަ އިރު ކޮންމެވެސް ދުވަހަކު ކުރާން. އެކަމަކު އަހަރެން މިގޮތަށް ނިންމަން ޖެހެނީ ގައުމީ ޓީމަށްޓަކައި އަދި އަރަމުން އަންނަ ޒުވާން ކުޅުންތެރިންގެ ހައްގުގައި."
ބެލަމީ ބުނީ ގައުމީ ޓީމާއެކު 70ގެ އޮނަހިރި އަދަދަކަށް ގައުމީ ސަލާމް ކިޔާލުމުގެ ފުރުސަތު ލިގުމަކީ ފުޓްބޯޅަ ކެރިއަރުގައި ކޮންމެ ކުޅުންތެރިއަކަށްވެސް ލިބޭނޭ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށެވެ.
"ގައުމީ ޓީމާއެކު 70ގެ އޮނަހިރި އަދަދަކަށް މެޗު ކުޅުމުގެ ޝަރަފް ލިބުމަކީ އަހަރެން ވަރަށް ބޮޑަށް އެދޭ ކަމެއް. އެކަމަކު ތަފާތު ކަމެއް. އަހަރެން އުންމީދު ކުރަނީ، ހުކުރު ދުވަހު ކުޅޭ މެޗާއި އަދި އަންގާރަ ދުވަހު ކުޅޭ މެޗުގައިވެސް ކުޅެން ފުރުސަތު ލިބޭނޭ ކަމަށް،" ބެލަމީ ބުންޏެވެ.