ނ. ވެލިދޫގެ ގެއެއްގައި ރޭ ދަންވަރު ރޯވެ އަނދައި ހުލިވެއްޖެ އެވެ.

އެ ރަށު ގުލްޝަންކިނާރާގައި ރޯކޮށް އަންދާލާފައި ވަނީ ރޭ ދަންވަރު ތިނެއް ޖަހާކަންހާ އިރު ކަމަށް އެގޭގެ މީހަކު ބުންޏެވެ.

"ގޭގައި ރޯކޮށްލި އިރު އެއްވެސް ބަޔަކު ނޫޅޭނެ. އެވަގުތު އަޅުގަނޑު ވެސް ހުރީ ބަޔަކާއެކީ ކޮފީއެއްގައި. އަޅުގަނޑު އެތަނުގައި ހުއްޓާ ބަޔަކު ގުޅާފައި ބުނެގެންދިޔައިރު ގެ ރޯވެ އަނދަމުންދަނީ،" އޭގެ މީހަކު ބުންޏެވެ.

އޭނާ ބުނީ ގޭގައި އެންމެ ފުރަތަމަ ހުޅުޖަހާފައި ކަމަށް ބެލެވެނީ އޭނާ ނިދާ ކޮޓަރީގައި ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ގެ އެއްކޮށް އަނދައި އަޅިއަށްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑާއި މަންމައާއި ކޮއްކޮމެން ގޭގައި އުޅެނީ. އެ މީހުންވީ މިވަގުތު ތިބީ މާލޭގައި. މިހާދިސާގައި ގެ އެއްކޮށް އަނދާ ހުލިވިއިރު އެއްވެސް އެއްޗެއް ސަލާމަތެއް ނުކުރެވުނު،" އޭނާ ބުންޏެވެ.

އޭނާ ބުނީ އޭނާގެ ގޭގައި ބަޔަކު ގަސްދުގައި ރޯކޮށްލާފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

"އެ މައްސަލާގައި އަޅުގަނޑަށް ވަރަށް ބޮޑަށް ޔަގީން މިއީ ބަޔަކު ގަސްދުގައިކޮށްފައިވާ ކަމެއްކަން. ކުރިން ވެސް ތަފާތު އިންޒާރުތައް ދީފައިވޭ. ފުލުހުން މިހާރު ދަނީ ތަހުގީގުކުރަމުން،" އޭނާ ބުންޏެވެ.