09 Oct 2013, 04:00
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މުހައްމަދު އުމޭރު ފަހު ވަގުތު ޖަހައިދިން ލަނޑާއެކު 3-1 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ޕްރެޒިޑެންޓް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އެފްއޭ ކަޕްގެ ފައިނަލްގައި މީގެ ހަތަރު ދުވަސް ކުރިން މާޒިޔާ އަތުން މޮޅުވެ ތަށި އުފުލާލި ނިއުއަށް މިރޭގެ މެޗުގައި ލަނޑު ޖަހައި ފުރަތަތަމަ ފަހަރަށް ކުރި ހޯދައިދިނީ ދިނީ މެޗުގެ 56 ވަނަ މިނިޓުގައި އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
ނިއު އިން ކުރިހޯދިތާ ފަސް މިނިޓުފަހުން މާޒިޔާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު އާރިފް (ބަކާ) އެވެ. މާޒިޔާގެ އަހްމަދު މުހައްމަދު ނިއުގެ ގޯލްކުރިމައްޗަށް ފޮނުވާލި ހިލޭޖެހުން ބަކާ ގޯލްގެ ތެރެއަށް ފޮނުވާލީ ބޮލުން ޖަހައެވެ.
ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ދެވަނަ ފަހަރަށް ނިއުއަށް ކުރިހޯދައިދިނީ، ފަހު ވަގުތު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް މުހައްމަދު އުމޭރު އެވެ. މެޗުގެ 88 ވަނަ މިނެޓްގައި މާޒިޔާ ހާފުގެ އަރިމަތިން އޭނާއަށް ލިބުނު ބޯޅަ ހިފައިގެން އެކަނިވަދެ އެޓީމުގެ ޕެނަލްޓީ އޭރިއާ ކައިރިން ފޮނުވާލި ބޯޅަ ގޮސްވަނީ މާޒިޔާގެ ގޯލްގެ ތިރީ ކަނަށެވެ.
ނިއުގެ ފަހު ލަނޑު މެޗުގެ ފަހުހާފުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ދަގަނޑޭ އެވެ. މިއީ ދަގަނޑޭ މިސީޒަންގައި ކާމިޔާބުކުރި 55 ވަނަ ލަނޑެވެ.
މި މަހުގެ 23 ގައި ކުޅެން ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލްގައި ނިއުއާ ވާދަކުރާނީ ބުދަ ދުވަހުގެ ރޭ ބީޖީ ސްޕޯޓްސްއާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ވާދަކޮށް މޮޅުވާ ޓީމަކާ އަންނަ ހޮނިހިރު ދުވަހުގެ ރޭ މާޒިޔާއާ ވާދަކޮށް މޮޅުވާ ޓީމެކެވެ.