ލ. ދަނބިދޫ އިންޖީނުގޭގެ މުވައްޒަފަކު 80،000 ވަރަކަށް ރުފިޔާ ބޭންކަށް ޖަމާކުރަން ދަނިކޮށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ގޮސް އެ ފައިސާތައް ފޭރިގެންފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ފާރޫގު މުހައްމަދު ހަސަން ވިދާޅުވީ ލ. ގަމުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ބްރާންޗަށް ފައިސާ ޖަމާކުރަން ދަނިކޮށް ފޭރިގެންފައި ވަނީ އިއްޔެ މެންދުރު 1:00 އާއި 2:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ ފޭރިގެންފައި ވަނީ ފައިސާތަކަކާއި މާބައިދޫ ކައުންސިލް އިދާރާގެ ޗެކްތަކެއް ކަމަށާއި ހާދިސާ ހިނގުމާ އެކު ވަގުތުން ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.

މިއީ ލ. އަތޮޅުގައި ހިނގި މިފަދަ ދެވަނަ ހާދިސާ އެވެ.

ސައުތު ސެންޓްރަލް ޔުޓިލިޓީސް ލިމިޓެޑަށް އާމްދަނީގެ ގޮތުގައި ލިބުނު ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ބޭންކަށް ޖަމާކުރަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެ ކުންފުނީގެ މުވައްޒަފަކު ދަނިކޮށް ކަނޑި އާއި ކަތިވަޅިއަކުން ބިރުދެއްކުމަށްފަހު މޫނޫ ނިވާކޮށްގެން ތިބި ބަޔަކު ވަނީ އެ ފައިސާތައް ފޭރިގެންފަ އެވެ.

ފާރޫގު ވިދާޅުވީ ބޭންކަށް ފައިސާ ޖަމާކުރާއިރު ފުލުހުންގެ އެހީތެރިކަން ހޯދައިގެން ނޫނީ އެކަން ނުކުރުމަށް ފެނަކަ ކޯޕަރޭޝަންގެ ލ. އަތޮޅު ރީޖިނަލް މެނޭޖަރަށް އިއްޔެ އަންގާފައިވާނެ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.