09 Oct 2013, 00:32
ރިޔާސީ އިންތިހާބެއް އަނެއްކާވެސް ބޭއްވޭނެ ކަމުގެ ތާރީހެއް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސުޕުރީމް ކޯޓުން އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލް ކުރުމުން މިމަހު 19 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީން ރާޅުގަނޑުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސުޕުރީމް ކޯޓުގެ ހުކުމް ބުނެފައިވަނީ "ލާތްލާ" އަށް ކަމަށާއި އެއީ "ހިތާހިތުގެ ގުޅުމެއް" ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ތާރީހެއް ލިބުނު ކަމީ ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއިންތިހާބު އެއްބުރުން ކާމިޔާބު ކުރާނެ، އަޅުގަނޑުމެން މިރާއްޖެ އިރާދަކުރެއްވިއްޔާ ބަދަލުކުރާނެ، ވޯޓްގެ ތާރީހު ހޯދުނުކަމީ އެއީ މިރޭ އަޅުގަނޑުމެނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް" އެމްޑީޕީގެ ޖަލްސާއަށް ގޮސް ތިބި ގިނަ އަދަދެއްގެ ރައްޔިތުންނާ މުހާތަބްކޮށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާން ވިދާޅުވީ އެމްޑިޕީ އާއި ވާދަވެރިންގެ ސިޔާސަތު ތަކަކީ ހުދުމުހުތާރު ސިޔާސަތުތަކެއް ކަމަށެވެ. ނަމަވެސް ގިނަ ރައްޔިތުންގެ ތޮބީއަތަކީ ހެޔޮވެރިކަން ކަމަށާއި އެއީ އެމްޑީޕީގެ ސިޔާސަތުތައް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިފަހަރު ރައްޔިތުން ތޮބީއަތުގައި ހިފާފައިވަނީ ރަންރީންދޫ ފަހަރަކަށް ކަމަށް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑިއާރްޕީގެ ލީޑަރު ތަސްމީން އަލީ ވިދާޅުވީ ސުޕުރީމް ކޯޓުގެ ނިންމުމާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި އެހުކުމުގެ ސަބަބުން އެމްޑިޕީއަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިފައިވާ 95000 ވޯޓަކަށް ބަދަލެއް ނާންނަކަމަށް ތަސްމީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެހުކުމުން އެނގެނީ ކޮންމެހެން އެމްޑީޕީ ވެރިކަމަށް ގެންނަންޖެހޭ ކަން ކަމަށެވެ.
ތަސްމީންގެ ވާހަކަފުޅުގައި ސުޕުރީމް ކޯޓަށް ފާޑުވިދާޅުވުމުގެ އިތުރުން އެކޯޓުގެ ފަނޑިޔާރެއް ކަމަށްވާ އަލީ ހަމީދު އަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ.