28 Nov 2010, 05:48
އަންނަ އަހަރަށް ލަފާކޮށްފައިވާ 12.37 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ސަރުކާރުން ފޮނުވައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަސްއަދު މިއަދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީ އަކީ 8.76 ބިލިއަން ރުފިޔާ ކަމަށާއި އެއީ ލިބޭނެ ކަމަށް އަންދާޒާ ކުރާ އަދަދަށް ވުރެ 15.3 ޕަސެންޓް ދަށް ނޫނީ ޑެފިސިޓް ބަޖެޓެކެވެ.
އަންނަ އަހަރުގެ ބަޖެޓަށް ހިލޭ އެހީގެ ގޮތުގައި 143.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އިރު ނެޓް ލެންޑިންގެ ގޮތުގައި 206.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
އަންނަ އަހަރުގެ ބަޖެޓްގެ އޯވާ ރޯލް ބެލެންސަކީ 3259.3 މިލިއަން ރުފިޔާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓްގެ 79 ޕަސެންޓަކީ ރިކަރެންޓް ހަރަދެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ބަޖެޓާ ބެހޭ ބަހުސު ކުރުމަށް ފެށޭވަރު ވާނީ އަންނަ މަހު 6 ނުވަތަ 8 ވަނަ ދުވަހު ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއަހަރަށް ކަނޑައެޅީ ވެސް 12 ބިލިއަން ރުފިޔާގެ ބްޖެޓެކެވެ.