09 Oct 2013, 00:09
ފަހަރުގައި އެނބުރި މުދައްރިސު ކަމަށް ވެސް ވަޑައިގަންނަވަން ޖެހިދާނެ ކަމަށާއި ވެރިކަމުގައި ހޭދަކުރައްވާ މަދު ދުވަސް ކޮޅުގައި ވެސް މުދައްރިސުންނަށް ވެދެއްވެން އޮތް އެހީއެއް ވެދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ބައިނަލް އަގްވާމީ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް މިރޭ މަޖީދިއްޔާ ސްކޫލުގެ ޓީޗަރުންނަށް އެސްކޫލުން ބޭއްވި ޑިނާ ނައިޓެއް ޝަރަފްވެރި ކޮށްދެއްވަމުން ރައީސް ވަހީދު ވިދާޅުވީ މިއަންނަ ރިޔާސީ އިންތިހާބުގައި ނުހޮވުނެއް ކަމަކު މިސަރުކާރުގައި ހޭދަ ކުރައްވާ މަދު ދުވަސް ކޮޅުގައި ވެސް ޓީޗަރުންނަށް ކޮށްދެވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމަށެވެ. އަދި ފަހަރުގައި އެނބުރި މުދައްރިސަކަށް ވާންޖެހިދާނެ ކަމަށްވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
"ފަހަރެއްގައި ވަރަށް އަވަހަށް އަނބުރާ މުދައްރިސު ކަމަށް ދާންޖެހިދާނެ، އަދި އޮފީހުގައި ހޭދަކުރާ މަދު ދުވަސްކޮޅުގައި ވެސް ވެދެވެން އޮތް އެހީއެއް ވެދޭނަން،" މަޖީދިއްޔާ ސްކޫލުން ތައުލީމު ހާސިލުކުރެއްވި އަދި އެސްކޫލުގެ މުދައްރިސުކަން ވެސް ކުރެއްވި ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ކުރީގައި ޓީޗަރަކަށް އުޅުއްވާފައި ހުރުމުން ޓީޗަރުން ވެދެއްވާ އެއްބާރުލުމާއި ކޮންމެ ދުވަހަކު ކުރިމަތިލާންޖެހޭ ދަތިތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މުދައްރިސުންގެ ކަންތައްތައް އަބަދުވެސް ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި ނަމަވެސް އެދެވޭ ވަރަށް އެކަންތައް ނުކުރެވޭތީ ލަދުވެތިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މުދައްރިސުން ބޭނުންވާ ކަންތައްތައް ނުކޮށްދެވެނީ މުދައްރިސުންގެ އަގު ވަޒަން ނުކުރާތީ ނޫން ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ އަށްފަހު ގައުމުގެ އިގްތިސާދު ހީނަރުވެފައިވާ ކަމަށާއި އިގްތިސާދު ހަމައަކަށް އެޅުވުމަށް ވޭތުވެދިޔަ އަހަރުތަކުގައި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
މުދައްރިސުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ލިބޭ މުސާރައާއި އިނާޔަތްތައް ކަމަށާއި ނަމަވެސް އެކަމާއި އެއްވަރަށް ސްކޫލުގެ ތެރެއިން ލިބިދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ވެސް މުދައްރިސުންނަށް ލިބިދޭންޖެހޭ ކަމަށް ރައީސް ވަހީދު ވަނީ މިރޭ ވިދާޅުވެފަ އެވެ.
މި ރަސްމިއްޔާތުގައި ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ އިސްމާއިލް ވަނީ ސްކޫލުން ވޭތުވެދިޔަ 11 އަހަރު ތެރޭގައި ހޯދާފައިވާ ކުރިއެރުންތަކާއި ބެހޭގޮތުން ޕްރެޒެންޓޭޝަނެއް ދައްކާލާފަ އެވެ.