އަގުހެޔޮކޮށް ދަތުރުކުރާ އެއާލައިނެއް ކަމަށްވާ އެއާއޭޝިއާ އެކްސް އިން މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޚްތިޔާރުކުރީ ރާއްޖޭގެ ކަމާގުޅޭ ދާއިރާތަކުން އެ އެއާލައިނަށް ދިން އެއްބާރުލުމެއްގެ ބޮޑުކަމުން ކަމަށް އެއާއޭޝިއާ އެކްސްގެ ސީއީއޯ އަޒްރާން އުސްމާން ރާނީ ވިދާޅުވެއްޖެ އެވެ.

"ސަން" އިން ކުރި ސުވާލެއްގެ ޖަވާބުގައި އަޒުރާން ވިދާޅު އެއާއޭޝިއާ އެކްސްގެ ދަތުރުތައް ރާއްޖެ އަށް ފެށުމަށް ޓަކައި ދިވެހި ސަރުކާރުންނާއި އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި އަދި ޓޫރިޒަމްގެ ދާއިރާގައި ހަރަކާތެރިވާ ފަރާތްތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ފަހުރުވެރިކަމާ އެކު ފާހަގަކުރަން ރާއްޖޭގެ ސަރުކާރާއި، އެއާޕޯޓް އަދި ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން، އެއާއޭޝިއާ އެކްސްގެ ދަރުރުތަށް ކުއަލަލަމްޕޫރާއި މާލެ އާއި ޝްރީލަންކާއާ ދެމެދު ފެށުމަށް ވެދެއްވި އެހީތެރިކާއި ދެއްވި އިތުބާރު،" އަޒްރާން ވިދާޅުވި އެވެ. "އަދި ހަމަ އެހެންމެ އަޅުގަނޑުމެންގެ ދަތުރުތަކުގެ ސަބަބުން ރާއްޖެއާއި މެލޭޝިއާ އާއި އަދި ސްރީލަންކާއާ ދެމެދު ޓޫރިސްޓުން ކުރާ ދަތުރުތަކުގެ އަދަދު އިތުރުވެގެން ދާނޭ ކަމަށް އުންމީދުކުރަން."

އެއާއޭޝިއާ އެކްސްގެ ސީއީއޯ ވިދާޅުވީ އެ އެއާލައިންގެ ދަތުރުތަކުގެ ސަބަބުން މި ސަރަހައްދުގެ ގައުމުތަކުގެ އިތުރުން މެލޭޝިއާ މަގުން އިތުރު ގައުމުތަކަށް ދަތުރުކުރުމުގެ ދޮރުވެސް ހުޅުވިގެންދާނޭ ކަމަށެވެ.

"އަޅުގަނޑުމެން ފޯރުކޮށްދޭ އަގުހެޔޮ ހިދުމަތްތަކުގެ ސަބަބުން، ފަސޭހަކަމާ އެކު އިތުރު މަންޒިލުތަކަށް ދަތުރު ކުރުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެ. އެގޮތުން މެލޭޝިއާ މަގުން އޮސްޓްރޭލިއާގެ ސިޑްނީއަށާއި މެލްބަން އަދި ޖަޕާނުގެ އޮސާކާއަށް ވެސް އަގުހެޔޮކޮށް ދަތުރުކުރުމުގެ މަގު ފަހިވެގެންދާނެ،" އަޒްރާން ވިދާޅުވި އެވެ.

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖުގައި އޮތް ޕްރެސް ކޮންފަރެންސްގައި އެއާއޭޝިއާ އާއި އެއާއޭޝިއާ އެކްސްގެ ތަފާތަކީ ކޮބައިތޯ "ސަން"އިން ސުވާލުކުރުމުން އަޒްރާން ވިދާޅުވީ އެއާއޭޝިއާ އަކީ ބައިވަރު އެއާލައިންތަކެއް އޮޕްރޭޓްކުރާ ގްރޫޕެއް ކަމަށާއި އެއާއޭޝިއާ އެކްސް އަކީ އެ ގްރޫޕްގެ ދުރުރާސްތާ ދަތުރުތައް ކުރުމަށް ބޭނުންކުރާ އެއާލައިން ކަމަށެވެ.

"އެއާއޭޝިއާ އަކީ ބައިވަރު އެއާލައިންތެކެއް އޮޕަރޭޓް ކުރާ ގްރޫޕެއް. އޭގެ ތެރޭގައި އެއާއޭޝިއާ މެލޭޝިއާ، އެއާއޭޝިއާ ތައިލެންޑް، އެއާއޭޝިއާ އިންޑޮނޭޝިއާ އެއާއޭޝިއާ ފިލިޕިންސް އަދިވެސް އިތުރު އެއާލައިންތައް ހިމެނޭ. އަޅުގަނޑުމެންނަކީ އޭގެ ތެރޭގައި ހިމެނޭ ދުރުރާސްތާ ދަތުރުތަކަށް ބޭނުންކުރާ ފްލައިޓްތައް،" އަޒްރާން ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ބޭނުންކުރަނީ، އާންމު ގޮތެއްގައި ހަތަރު ގަޑިއިރަށް ވުރެ ދިގު ދަތުރުތައް ކުރުމަށް."

އަޒުރާން ވިދާޅުވީ އެއާއޭޝިއާ އެކްސް ލޯ ކޯސްޓް ކެރިއާގެ ސަބަބުން އޭޝިއާގެ އެކި ސަރަހައްދުތަކުން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މައްޗަށް ދިއުމުގެ އިތުރުން ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ރީތި މަންޒިލު ކަމަށްވުމުން ފަތުރުވެރިން ޒިޔާރަތްކުރާ އަދުދު އިތުރުވުމުން އެ އެއާލައިންއަށް ވެސް އިތުރު ކުރިއެރުމެއް ލިބިގެންދާނޭ ކަމަށެވެ.

އެއާއޭޝިއާ އެކްސްގެ ސީދާ ދަތުރުތަށް މާލެ އާއި ކުއާލަލަމްޕޫރާ ދެމެދު ފަށާފައިވާ އިރު މިހާރު ވެސް އެ އެއާލައިން އިން އޭޝިއާގެ 18 މަންޒިލަކަށް ދަތުރު ކުރެ އެވެ.

އެއާ އޭޝިއާ އެއާލައިން އަށް ވަނީ ސްކައިޓްރެކްސް އިން ދޭ 2013 ވަނަ އަހަރުގެ ދުނިޔޭގެ "ބެސްޓް ލޯކޯސްޓް އެއާލައިން ޕްރިމިއަމް ސީޓް" އަދި "ބެސްޓް ލޯކޯސްޓް އެއާލައިން ޕްރިމިއަމް ކްލާސް" ޓައިޓްލް ލިބިފަ އެވެ. އަދި 2013 ވަނަ އަހަރާ އެކު އެއާއޭޝިއާ ގްރޫޕުން ވަނީ ޖެހިޖެހިގެން ފަސް އަހަރު، ސްކައިޓްރެކްސް އިންދޭ ދުނިޔޭގެ އެންމެ އަގުހެޔޮ އެއާލައިންގެ ހިދުމަތްދޭ އެއާލައިންގެ ޝަރަފް ހޯދާފަ އެވެ.