ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު މިމަހުގެ 19 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަހްމަދު ފަޔާޒު ހަސަން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު މިމަހުގެ 19 ވަނަ ދުވަހު ބާއްވަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު މި މަހުގެ 19 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލްކޮށް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އަލުން އިންތިޚާބު ބާއްވަން ސުޕްރީމް ކޯޓުން ރޭ ހުކުމް ކުރުމާ ގުޅިގެންނެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ލިސްޓުގައި 18 އަހަރު ނުފުރޭ މީހުން ނެތް ކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓުން ވަނީ އެ ކޮމިޝަނަށް އަންގާފަ އެވެ.

މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން އެކި އެޑްރެހުގައި ރަޖިސްޓްރީ ކުރުމުގެ ބަދަލުގައި އެ މީހުންނަށް ވަކި ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގާފަ އެވެ.

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބައެއްކަން ކަށަވަރު ކުރުމަށްޓަކައި އޮފިޝަލުންނަކީ ހުރިހާ ކެންޑިޑޭޓުންގެ މަންދޫބުން ވެސް އެއްބަސްވާ ބައެއްކަން ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގާފަ އެވެ.

ވޯޓުލާންދާ މީހާ ވޯޓުލާ މަރުކަޒަށް ގަލަން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނުވައްދާކަން އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ މުއައްސަސާތަކުން ކަށަވަރު ކުރުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގާފަ އެވެ.

ވޯޓުލުމަށް ކިޔޫގައި ތިބޭ ފަރާތްތަކަށް ކޮންމެ 30 މިނިޓަކުން ޓޯކެން ނަންބަރު އެނގޭނެ ގޮތަށް އިންތިޒާމް ހަމަޖެއްސުމަށް ވެސް ވަނީ އަންގާފަ އެވެ.

މިހާތަނަށް ޕްރިންޓްކޮށްފައިވާ ވޯޓު ކަރުދާސްތައް ބާތިލް ކުރުމަށް ފަހު ރައްކާތެރި ފީޗާސްތައް ހިމެނޭ ގޮތަށް އަލުން ވޯޓުކުރުދާސްތައް ޕްރިންޓް ކުރުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުގައި ވޯޓުލުން އޮންނާނީ 19 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 7:30 އިން ހަވީރު 4:00 އަށެވެ. ވޯޓު ނަގައި ނިމޭތާ 30 މިނެޓް ތެރޭގައި ވޯޓު ގުނަން ފަށާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖައްސައިފައި ވަނީ މިމަހުގެ 22 ވާ އަންގާރަ ދުވަހުގެ ރޭ 09:00 ގަ އެވެ.