08 Oct 2013, 21:00
މިހާރު ކުރިއަށްދާ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފައިންގެ ގްރޫޕް ބީގައި ރާއްޖެ ކުޅުނު ތިން ވަނަ މެޗުގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަތުން 5-0 ލަނޑުން މިއަދު ބަލިވެއްޖެ އެވެ.
ރާއްޖެ ގަޑިން މިއަދު ހަވީރު 5:30 ގައި ކުޅުނު އެމެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު ޔޫއޭއީ އިން ވަނީ ރާއްޖެ ކޮޅަށް ދެ ލަނޑު ޖަހައިފައެވެ. އަދި ޔޫއޭއީ އިން ރާއްޖެ ކޮޅަށް މެޗުގެ ދެ ވަނަ ހާފުގައި ވަނީ ތިން ލަނޑު ޖަހައިފައެވެ.
މިއަދު މެޗުގެ ދެ ވަނަ ހާފުގެ 63 ވަނަ މިނެޓުގައި ރާއްޖޭގެ ޝިފާއުއަށް ރެފްރީ ވަނީ ރައްކާޑު ދައްކާފައެވެ. އެހެން ކަމުން މެޗުގެ ބާކީ ބައި ރާއްޖެ ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ.
މިއަދުގެ ނަތީޖާ ނިކުތް ގޮތުން ރާއްޖެއަށް މިހާރު ވަނީ ގްރޫޕްގެ އެއް ވަނަ މަގާމް ގެއްލި ދެ ވަނަ މަގާމަށް ވެޓިފައެވެ. ގްރޫޕްގެ އެއް ވަނަ މަގާމްގައި ހަ ޕޮއިންޓާއެކު އޮތީ ޔޫއޭއީ އެވެ. ދެ ވަނަ މަގާމްގައި ހަތަރު ޕޮއިންޓާއެކު ރާއްޖެ އޮތްއިރު، ގްރޫޕްގެ ތިން ވަނަ މަގާމްގައި އޮތީ ތިން ޕޮއިންޓާއެކު ޔަމަންއެވެ. އަދި ގްރޫޕްގެ ހަތަރު ވަނަ މަގާމްގައި އެއްޕޮއިންޓާއެކު އުރުދުން އޮތް އިރު ގްރޫޕްގެ އެންމެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ އަފްގާނިސްތާނެވެ.
ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން އަފްޣާނިސްތާން އަތުން 1-0 އިން މޮޅުވެފައިވާއިރު ކޮލިފައިންގެ ދެ ވަނަ މެޗުގައި ރާއްޖެ އާއި އުރުދުން ވާދަކުރި މެޗް ނިމުނީ ދެ ޓިމް ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ގްރޫޕްގެ ފަހު މެޗުގައި އަންނަ ހޮނިހިރު ދުވަހު ރާއްޖެ ކުޅެން ޖެހޭނީ ޔަމަނާ ދެކޮޅަށެވެ.
ކޮލިފައިންގައި ހިމެނޭ ނުވަ ގުރޫޕުގެ ތެރެއިން ކޮންމެ ގުރޫޕެއްގެ އެއްވަނަ އަދި، ހުރިހާ ގުރޫޕަކުން ދެވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަގައުމެއް މުބާރާތް ބާއްވާ މިޔަންމާއާ އެކު، 2014 ވަނަ އަހަރުގެ އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. އަދި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ގައުމެއް 2015 ވަނަ އަހަރު ނިއުޒީލެންޑުގައި އޮންނަ 20 އަހަރުން ދަށުގެ ފީފާ ވޯލްޑްކަޕަށް ކޮލިފައިވާނެ އެވެ.