ޗާންދަނީމަގާއި އޯކިޑުމަގު ގުޅުނު ކަންމަތީގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ބަހައްޓާފައި ހުރި ސީސީޓީވީ ކެމެރާ އަށް ގެއްލުންދީ އެ ކެމެރާ ހަލާކުކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާ އުޅޭތަނެއް އެނގޭ ފަރާތެއްވާނަމަ އެ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ.

ސީސީޓީވީ ކެމެރާ ހަލާކުކޮށްލި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުން ދަނީ އއ. އުކުޅަސް، ބީޗްހައުސް ކާމިލް އިބްރާހީމް އެވެ.

އެ ކެމެރާ ހަލާކުކޮށްލާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ލަޓިބުރިތަކެއް ހިފައިގެން ބަޔަކު ގޮސް ފުލުހުންނަށް ބިރުދެއްކުމަށް ފަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކާމިލް އިބްރާހީމްގެ މައުލޫމާތު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާންމު ކުރުމާ އެކު ގިނައަދަދެއްގެ ރައްޔިތުން ފުލުހުންނަށް ގުޅައި އޭނާގެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި އެ ހުރިހާ ރައްޔިތުންނަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ އުޅޭތަނެއް އެނގޭ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 ނުވަތަ ޕޮލިސް ހޮޓްލައިން 3322111 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެއްވުމަށް ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ.

އޭނާ އުޅޭތަނުގެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރާ ފަރާތެއްގެ މައުލޫމާތު ސިއްރު ކުރެވޭނެ ކަމަށާއި އަދި އެމީހަކަށް ލިބިދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"ކާމިލް އިބްރާހީމް އުޅޭތަކާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާ ކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން. އެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރާ މީހަކަށް ދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ދޭނެކަމުގެ ޔަގީންކަން އެންމެހައި ރައްޔިތުންގެ ސަމާލުކަށްޓަކައި ދަންނަވަން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކާމިލް އިބްރާހިމްއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެކުރިން ހަ އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ އަކީ މިއަހަރުގެ މާޗް މަހުގެ ހަ ވަނަ ދުވަހުގެ ވަގުތެއްގައި އދ. ކަނބުރުދޫ ކައިރިން ކަނޑުމަތީގައި އޮތް ތެޔޮ ބޯޓަކަށް އަރައި އެބޯޓުގައި ތިބި މީހުންނަށް ބިރުދައްކައި މާރާމާރީ ހިންގައި އިންޒާރުދިން މައްސަލައިގައި ވެސް ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.

:http://www.youtube.com/watch?v=QS2pB9sjYwM