ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އިތުބާރު ހުރި ގޮތަކަށް ނުބޭއްވުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން، އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އަހްލާގީ ޒިންމާއެއްގެ ގޮތުގައި "އެތަނުން ދުރަށް ގޮސް" އިތުބާރު ތިބި ބަޔަކަށް ޖާގަ ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.
~
ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ޕާޓީއަށް ކާމިޔާބު ވުމަށް ފަހު ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ހަސަން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން މަގާމުން ދުރުކުރުމަކީ "އަޅުގަނޑުމެންގެ އަތުގައި އޮތް ބޭރެން ނޫން" ކަމަށެވެ. އެ ބާރަކީ މަޖިލީހަށް ލިބިގެންވާ ބޭރެއް ކަމަށް އިޝާރާތް ކުރައްވައި ހަސަން ވިދާޅުވީ އެ ބޭފުޅުން އެތަނުން ދުރުކުރަން ބޭނުންފުޅުވާ ނަމަ އެކަން ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

"އިތުބާރު ހުރި ގޮތަކަށް އިންތިހާބު ބޭއްވުން އެއީ އިލެކްޝަންސް ކޮމިޝަންގެ އެންމެ މުހިއްމު ދުސްތޫރީ ޒިންމާ. އެކަން އެގޮތަށް ނުކުރެވުނު ކަމަށް މިވަނީ ސުޕްރީމް ކޯޓުން ކަނޑަޅާފައި، ދެން އިތުރަށް ކަންކަން ކުރައްވާ ގޮތް ވެސް ވަނީ އިރުޝާދު ދެއްވާފައި، އެހެންވެއްޖެއްޔާ އެފަދަ ހާލަތެއްގައި އެހެންވެއްޖެއްޔާ އެފަދަ ހާލަތެއްގައި އެ ބޭފުޅުންގެ އަހްލާގީ ޒިންމާއަކީ އެތަނުން ދުރަށް ގޮސް، އެކަން ކުރެވޭނެ ރައްޔިތުންގެ އިތުބާރު ތިބި ބަޔަކަށް ޖާގަ ދެއްވުން،" ހަސަން ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރުން މަގާމުން ދުރު ކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތްޕުޅު ކުރައްވާނެތޯ ސުވާލު ދެންނެވުމުން ޖުމްހޫރީ ގުޅުމުގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ "ވަގުތު ބޭކާރުކޮށްލާފައި އެހެން ކަންތައްތަކަކާ" ނޫޅޭނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ބަދަލުނުކޮށް ބާއްވާ އިންތިހާބެއްގައި މައްސަލަތަކެއް ޖެހިއްޖެ ނަމަ ދެން ހަދާނީ ކިހިނަކުންތޯ ސުވާލު ދެންނެވުމުން އިމްރާނު ވިދާޅުވި އަނެއްކާ ވެސް ދަނީ ކޯޓަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު އޮޅުވާލުމުގެ ތުހުމަތަށް ޖިނާއީ ތަހުގީގެއް ހިންގުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދުނަސް، އެކަމަށް ފައިސަލާ ކުރަނިވި ހުކުމެއް ސުޕްރީމް ކޯޓުން ނުކުރައްވާ ކަމަށް ހަސަން ވިދާޅުވި އެވެ. ނަމަވެސް ރޭ ކުރި ހުކުމުގެ އަލީގައި އިލެކްޝަންސްއާ ގުޅުން ހުރި ޖިނާއީ މައްސަލަތައް ފުލުހުންނަށް ތަހުގީގު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.