08 Oct 2013, 18:33
އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ތައްޔާރު ކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ބެއްލެވީ ދައުލަތަށް ލިބޭ އާމްދަނީން ހަރަދުތައް ހަމަޖެއްސެވުމުގެ މައްޗަށް ކަމަށް ވިދާޅުވެ، އެކަމުގެ ތަފްސީލު ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މަޖިލީހަށް ދެއްވި އެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހިފެހެއްޓުމެއްނެތި ފުޅާވަމުން ގޮސްފައިވާ ބަޖެޓް ޑެފިސިޓްގެ ސަބަބުން އެކްސްޓާނަލް އިންބެލެންސް އާދަޔާ ހިލާފަށް ފުޅާވެފައިވާކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ދައުލަތަށް ލިބޭ އާމްދަނީ މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިތުރުވެފައިވީ ނަމަވެސް ދައުލަތުގެ ހަރަދު ބޮޑުވެފައި ވުމާ އެކު އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް އަވަހަށް ހޯދުމުގެ މުހިންމު ކަމުގެ މައްޗަށް މެންބަރުން ވާހަކަފުޅު ދެއްކެވި އެވެ.