08 Oct 2013, 18:28
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެއް ކެނޑިޑޭޓަކު ނެރުމުގެ ވިސްނުން އެބަހުރި ކަމަށް ޖުމްހޫރީ ގުޅުމުގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލު ކުރުމާ ގުޅިގެން މިއަދު މާފަންނު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ހަސަން ވިދާޅުވީ ގައުމީ މަސްލަހަތަށް ކޮންމެ ކަމެއް ކުރުމަށް ވެސް ޖުމްހޫރީ ގުޅުމުން ފަސް ނުޖެހޭނެ ކަމަށާއި އެގޮތުން އެއް ކެންޑިޑޭޓަކު ނެރުމުގެ ވިސްނުން ހުރި ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތް މިކުރަނީ ވީހާ ވެސް ގިނަ ބަޔަކު ގުޅިގެން އިންތިހާބުގެ ފުރަތަމަ ބުރުން ނަތީޖާ ހާސިލް ކުރެވޭ ގޮތަކަށް ދަތުރުކުރެވޭތޯ، އެއް ކެނޑިޑޭޓެއް ނެރުމުގެ ވިސްނުން އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި،" ޑރ. ހަސަން ވިދާޅުވި އެވެ.
އެއްވެސް ބޭފުޅެއްގެ ފަހަތުން އިންތިހާބަށް ނުކުންނަވާނަންތޯ ސަން އިން ދެންނެވުމުން ޑރ. ހަސަން ވިދާޅުވީ ވާހަކަ ދައްކަން ޖެހޭ ކޮންމެ ފަރާތަކާ އެކު ވެސް ވާހަކަތައް ދައްކާނެ ކަމަށާއި އެއީ "މިހާރު ކެމްޕެއިނަށް ނިކުމެ ތިބިތިބުން ފަހަތަށް ޖައްސާލާފައި ނުވަތަ ހުއްޓާލާފައި އެހެން ބަޔެއްގެ ފަހަތަށް ދިއުން ނޫން" ކަމަށެވެ.
އޭނާ ވިދާޅުވީ ތިން ބޭފުޅަކު ވާދަކުރައްވާ ނަމަ އިންތިހާބު އެއްބުރުން ކާމިޔާބް ކުރުމަކީ ދަތި ކަމަކަށް ވާނެ ކަމަށެވެ. އަދި ގިނަ ސިޔާސީ އިސް ފަރާތްތަކަކުންނާއި މަޖިލިސް މެމްބަރުންތަކެއް ޖުމްހޫރީ ޕާޓީއާ ގުޅޭނެ ކަމަށް ހަސަން ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން ތަފްސީލެއް އޭނާ ނުދެއްވި އެވެ.
ޖުމްހޫރީ ޕާޓީ އިން ހުށައެޅި މައްސަލައަކާ ގުޅިގެން ބާތިލުކޮށްފައިވާ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އަށް ބަލާ އިރު ޖުމްހޫރީ ޕާޓީ އަށް ލިބިފައި ވަނީ 24.1 ޕަސެންޓް އެވެ. އަދި ގައުމައިގެން ކުރިއަށް ކޯލިޝަން އަށް ފަސް ޕަސެންޓް ލިބުނު އިރު ޕީޕީއެމް އިން ވަނީ 25.3 ޕަސެންޓް އަދި އެމްޑީޕީ އިން ވަނީ 45.5 ޕަސެންޓް ހޯދައިފަ އެވެ.