08 Oct 2013, 18:17
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުކޮށް އަލުން އެ ބުރު ބޭއްވުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ވެސް ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު ވަހީދުގެ ފަހަތްޕުޅަށް ވަޑައިނުގަތުމަށް ވަހީދުގެ ރަނިންމޭޓް އަދި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ނިންމެވީ ޑީއާރުޕީގެ ކައުންސިލްގައި މަޝްވަރާނުކޮށް ކަމަށް އެ ޕާޓީގެ ބައެއް ކައުންސިލް މެންބަރަކު ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީ ކައުންސިލް މެމްބަރު އަދި އިކޮނަމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޑީއާރުޕީ ކައުންސިލާ މަޝްވަރާ ނުކުރައްވާތާ، ކައުންސިލް މީޓިންއެއް ބޭއްވުމަށް ވެސް ތަސްމީން މަސައްކަތް ކުރައްވާފައި ނުވާ ކަމަށެވެ.
އަންޑޭ ވިދާޅުވީ ޑރ. ވަހީދުގެ ގައުމީ ޕާޓީއާ ގުޅުމަށް އަދި ޑރ. ވަހީދުގެ ރަނިންމޭޓަކަށް ތަސްމީން ވުމަށް ނިންމީ ވެސް ޑީއާރުޕީ ކައުންސިލުން ކަމަށާއި އަދި ބަޔަކު ހިތްހަމަނުޖެހުނަސް، ދެ ވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާ ގުޅުމަށް ޑީއާރުޕީން ނިންމީ ވެސް ކައުންސިލުން ކަމަށެވެ.
އަންޑޭ ވިދާޅުވީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓުގެ ރޭގެ ހުކުމަށް ފަހު މިހާރު އޮތް ހާލަތަކީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ދިއުމުގެ ކުރިން އޮތް ހާލަތު ކަމަށާއި މިހާރު ދެ ވަނަ ބުރު ނެތް ކަމަށެވެ. އަދި މިހާލަތުގައި ޕާޓީގެ ކައުންސިލް ބައްދަލުވުމަކަށް ގޮވައި ގޮތެއް ނިންމަން ޖެހޭނީ ކައުންސިލުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ހެނދުނު ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ތަސްމީން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އަލުން ބޭއްވުމަށް ސުޕްރީމް ކޯޓުން ނިންމި ނަމަވެސް ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު ވަހީދުގެ ފަހަތްޕުޅަށް ވަޑައިގަތުމަށް ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ރޭ ތަސްމީން ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވެފައި ވަނީ ގައުމީ މަސްލަހަތު ތަންދޭ ގޮތަކީ ދެން އޮންނަ އިންތިހާބެއް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވުން ކަމަށެވެ.
ޑީއާރުޕީ ކައުންސިލާ މަޝްވަރާ ކުރެއްވުމަކާ ނުލައި އެފަދަ ނިންމެވުމެއް ނިންމެވީ ކީއްވެތޯ ސާފުކުރުމަށް މިއަދު ސަން އޮންލައިނުން ތަސްމީނާ ގުޅި އިރު ފޯން ނިއްވާލާފައިވާތީ އެ މަނިކުފާނުގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޑީއާރުޕީގެ ކައުންސިލް މެންބަރުން ކަމަށްވާ، ހޯމް މިނިސްޓްރީގެ ނައިބު މުހައްމަދު ސަލީމާއި އަދި ފިޝަރީޒު މިނިސްޓްރީގެ ނާއިބު އަލީ ސޯލިހު ވެސް ވިދާޅުވީ ޑީއާރުޕީން އެންމެ ފަހުން ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ކުރެއްވުމަށް ކަމަށާއި މިހާރު ދެ ވަނަ ބުރު ނެތް ކަމަށެވެ. އަދި އެ ހާލަތުގައި ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
"ދެ ވަނަ ބުރެއް މިހާރަކު ނެތް، މިހާލަތުގައި ގޮތެއް ނިންމަން ޖެހޭނީ ކައުންސިލުން،" އަލީ ސޯލިހު ވިދާޅުވި އެވެ.
އެ ދެ ބޭފުޅުން ވެސް ވިދާޅުވީ މިހާތަނަށް ވެސް ޑީއާރުޕީން ކަންކަން ނިންމާފައި ވަނީ ވަރަށް ޑިމޮކްރެޓިކްކޮށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެގޮތަށް އެކަން ދިއުމަށް އެދޭ ކަމަށެވެ.
މަސްލަހަތަށް ޓަކައި ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެ ޕާޓީގެ ކައުންސިލް މެންބަރަކު ވެސް ވިދާޅުވީ ތަސްމީންގެ ވާހަކަފުޅުތައް ހުރި ގޮތުން ވަރަށް ބޮޑަށް ހައިރާން ވެއްޖެ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
އަންޑޭ ވިދާޅުވޭ ރޭގެ ހުކުމަށް 24 ގަޑި ހަމަވާން ދާއިރު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު ވަހީދު ވަކި ގޮތެއް ނިންމަވައި "ޑިކްލެއާ" ކުރައްވާފައި ނުވާ ކަމަށެވެ.