މިސުރުގެ ވެރިކަމުގައި މުޙައްމަދު ޙުސްނީ ސައްޔިދު މުބާރަކު ހުންނަވާތާ 29 އަހަރުވުމަށްފަހު، އެ ޤައުމުގެ ވެރިކަމަށް ދެންވެސް ވަޑައިގަންނަވާނީ މުބާރަކެއް ކަމުގެ ހީތައް ޔަޤީނާ ގާތަށް މިހާރު ވަނީ ގޮސްފައެވެ. ޙުސްނީ މުބާރަކު ގެންދަވަނީ އޭނާގެ ރިޔާސީ ހަތަރު ދައުރު ނިމުމަށްފަހު، މިސުރުގެ ރައީސްކަމުގެ މަޤާމަށް އޭނާގެ ދަރިކަލުން ޖަމާލް މުބާރަކު ގެންނެވުމަށްޓަކައި ޤާނޫނީ އިމުގެ ތެރެއިންނާއި ބޭރުން އެކިއެކި ފިޔަވަޅުތައް އަޅުއްވަމުންނެވެ. މިއަދު މިސުރުގައި ފެށޭ ޕާރލަމެންޓަރީ އިންތިޚާބުގެ ފުރަތަމަ ބުރަށްޓަކައި މުބާރަކުގެ ޕާރޓީ ކަމަށްވާ ވެރިކަންކުރާ ނެޝަނަލް ޑިމޮކްރެޓިކް ޕާރޓީ، ނުވަތަ އެންޑީޕީން ކުރަމުންގެންދާ މަސައްކަތްތަކުގެ ނާރެހަކީވެސް 2011 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޖަމާލަށް ކާމިޔާބު ހޯދައިދިނުންކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.


މިސުރުގެ ރައީސްކަމުގެ މަޤާމަށް ޙުސްނީ މުބާރަކު ވަޑައިގެންނެވީ ރައްޔިތުންގެ ލޯބި ލިބިވަޑައިގެން ހުންނަވައެވެ. 1973 ވަނަ އަހަރާ ހަމަޔަށް އައިއިރު މުބާރަކަކީ މިސުރުގެ ވައިގެ ލަޝްކަރުގެ އިސް ބޭފުޅެއްގެ ގޮތުގައި ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި ހުންނެވި ބޭފުޅެކެވެ. އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މިސުރު ސިފައިން އިޒްރޭލާ ދެކޮޅަށް ކުރި މަޝްހޫރު ހަނގުރާމައިގައި މިސުރަށް ލިބުނު ބޮޑު ކާމިޔާބުތަކުގެ އެއްމެ މުހިއްމު އެއް މޭސްތިރިއަކީވެސް މުބާރަކެވެ. 1975 ވަނަ އަހަރު އޭނާއަށް ޤައުމުގެ ނާއިބު ރައީސްކަން ލިބިވަޑައިގަތީވެސް އޭގެ ނަތީޖާއެއްގެ ގޮތުންނެވެ. 1981 ވަނަ އަހަރު އެއިރުގެ ރައީސް އަންވަރުއް ސާދާތު އަވަހާރަކޮށްލެވުމުން، މިސުރުގެ ރައީސްކަމަށް މުބާރަކު ގެނެވުނު ހިނދު، އެކަމާ މުޅި ޤައުމު ކަހަލަ ގޮތަކަށް އުފާކުރިއެވެ. ނަމަވެސް މިހާރުގެ ޙާލަތު މުޅީން ތަފާތެވެ. ޙުސްނީ މުބާރަކު ދެކެ ރައްޔިތުން ވީ ލޯބި ވަނީ ނެތިގެން ގޮސްފައެވެ. އޭނާގެ ދެ ދަރިކަލުންގެ ތެރެއިން ހަނގު ބޭފުޅާ ކަމުގައިވާ ޖަމާލް މުބާރަކަކީ މިހައިރުވެސް މިސުރުގެ ރައްޔިތުންގެ ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެއް ނޫނެވެ. އޭނާގެ ބައްޕާފުޅު 29 އަހަރު ވަންދެން ކުރެއްވި އަނިޔާވެރި، ޚުދުމުޚުތާރު ވެރިކަމަށްފަހު، ރިޔާސަތުގެ ގޮނޑިއަށް ޖަމާލް ގެނައުމަށް ކުރެވޭ މަސައްކަތްތަކާމެދު ރައްޔިތުންގެ ގިނަ މީހުން ދެކެނީ މާޔޫސީއާއި ފޫހިކަމާއި ރުޅިވެރިކަމުގެ ނަޒަރުންނެވެ.


 


ނަމަވެސް، ރައްޔިތުންގެ ވިންދާ އެއްގޮތަށް މިސުރުގެ ސިޔާސީ މަސްރަޙު ބައްޓަންވެގެން ހިނގައިދާނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. މުބާރަކުގެ ސަރުކާރާއި އޭނާގެ ޕާރޓީ ބޭނުންވާ ގޮތް ހެދުމަށްޓަކައި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު ޤުރުބާންކޮށްލެވިފައިވަނީ އެއްފަހަރަކު ދެ ފަހަރަކު ނޫނެވެ. ވެއަތުވެދިޔަ ތިރީސް އަހަރު ދުވަހުގެ ތެރޭގައި އެއީ ޢާއްމު ކަމެކެވެ. މުބާރަކުގެ ޕާރޓީ ކަމަށްވާ އެންޑީޕީގެ ސިޔާސަތު ކޮމިޓީގެ އަމީން ޢާއްމުގެ މަޤާމަށް ޖަމާލް ޢައްޔަންކުރެވުނީވެސް 2002 ވަނަ އަހަރުގެ ތެރޭގައި، މުބާރަކުގެ ހުށަހެޅުއްވުމަކަށް ފަހުގައެވެ. އެއިރުއްސުރެ އެންޑީޕީގެ ތެރެއިންނާއި، މުބާރަކުގެ ޚުދުމުޚުތާރު ވެރިކަމުގެ ތެރެއިން މަސައްކަތްކުރެވެމުން އަންނަނީ 2011 ވަނަ އަހަރުގެ އިންތިޚާބުގައި ޖަމާލަށް ރިޔާސަތުގެ ގޮނޑި ލިބޭނޭ މަގުތައް ހުޅުވުމަށެވެ. ވިޔަފާރިއާއި ބޭންކިންގ ގެ ދާއިރާއިން ތަޢުލީމު ޙާސިލުކުރައްވައިގެން އިންވެސްޓްމަންޓް ބޭންކިންގ ގެ ދާއިރާގައި އެތައް އަހަރެއް ވަންދެން މަސައްކަތްކުރައްވާފައިވާ ޖަމާލް މުބާރަކާއި މިސުރުގެ ރިޔާސަތުގެ ގޮނޑިއާ ދެމެދުގައި އެކަށީގެންވާފަދަ ބޮޑު ހުރަހެއް ނެތްކަމަށް ބެލެވޭ މައިގަނޑު ސަބަބަކީ މިއެވެ.  


އެންޑީޕީގެ ސިޔާސަތު ކޮމިޓީގެ އަމީން ޢާއްމުގެ މަޤާމަށް ވަޑައިގަތުމަށްފަހު، ޕާރޓީގެ ސިޔާސަތުތައް ޒަމާނީ ބަދަލުތަކަށް ފެތޭގޮތަށް އަލުން އެކުލަވައިލެއްވުމުގެ މަސައްކަތްތަކެއް ޖަމާލް ވަނީ ކުރައްވާފައެވެ. އޭގެ ތެރެއިން އެއް މަސައްކަތަކީ ބަދަލުގެނައުމުގެ ލީޑަރޝިޕެއް އުފެއްދުމުގެ މަޤުޞަދުގައި ކުރެވިފައިވާ މަސައްކަތެކެވެ. "ޤިޔާދަތުއް ތަޣްޔީރު" މި ޝިއާރުގެ ދަށުން ކުރެވުނު މި މަސައްކަތުގެ ބޭނުމަކީ މުބާރަކުގެ ތިރީހަކަށް އަހަރު ދުވަހުގެ ވެރިކަމާ ދެކޮޅަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދީ، ޖަމާލުގެ ވެރިކަމެއް ބައްޓަންވެގެންދާނީ ތަފާތު ބިންގަލެއްގެ މަތީގައިކަމަށް ރައްޔިތުންނަށް ވިސްނައިދިނުމެވެ. "އަލްއުބޫރް އިލަލް މުސްތަޤްބަލް" މި ޝިއާރުގެ ދަށުން ހިންގެމުންދާ މަޝްރޫއެއްގެ ދަށުން، ޖަމާލު ގެންދަވަނީ އޭނާއާއި އެންޑީޕީގެ މިހާރުގެ ލީޑަރޝިޕްގެ ލަނޑުދަނޑިއަކީ މިއަދުގެ ޖީލުގެ ވިސްނުމާ އެއްގޮތަށް މުޅީން "އާ މިސުރެއް" ބިނާކުރައްވާނެކަމުގެ ވައުދުތައްވެސް ކުރައްވަމުންނެވެ. މިފަދަ މަޝްރޫޢުތަކާއި ޝިޢާރުތަކަށް ރައްޔިތުންގެ އިތުބާރެއް ނެތެވެ. އެއީ ޖަމާލާއި އޭނާގެ ބައްޕާފުޅު މުބާރަކާއި އެ ދެބަފައިކަލުންގެ ޕާރޓީއާއި އެކުވެރީން ކުޅުއްވަމުން ގެންދަވާ ހުތުރު ގޭމެއް ކަމާމެދަކު ގިނަ ރައްޔިތުން ޝައްކެއް ނުކުރެއެވެ. އޭގެ އެއް ސަބަބަކީ އެ ބޭފުޅުންގެ ފަރާތްޕުޅުން ވެއަތުވެ ދިޔަ 30 އަހަރުގެ ތެރޭގައި ފެނިފައިވާ ސިޔާސީ މަކަރުވެރިކަމާއި އަމިއްލައެދުން އިސްކުރުމުގެ ސިފައެވެ. އަނެއް ސަބަބަކީ މިހާރުވެސް އެންޑީޕީގެ އިސް ބޭފުޅުންގެ ގޮތުގައި ތިއްބަވައިގެން ޖަމާލުގެ ފަހަތްޕުޅުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ބައެއް ބޭފުޅުންގެ މާޒީއެވެ. އަޙުމަދު ޢިއްޒާއި އަބުލް ޢައިނައިން ފަދަ ބޭބޭފުޅުންނަކީ ފަސާދައިގެ ތުހުމަތުތަކުގެ ސަބަބުން ރައްޔިތުންގެ ލޯތްބާއި ރުހުމުން މުޅީން މަޙުރޫމުވެފައި ތިއްބެވި ބޭފުޅުންނެވެ. ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ޑޮލަރެއް ބޭނުންފުޅުކުރައްވާފައިވާކަން ގާތްގަނޑަކަށް ޔަޤީން ބޭފުޅުންނެވެ. ނަމަވެސް ވެއަތުވެދިޔަ ތިރީސް އަހަރު ދުވަހުގެ ތެރޭގައިވެސް މިސުރުގައި އިންތިޚާބުތަކުގެ ނަތީޖާތައް ނިކުމެފައިވަނީއަކީ ކޮންމެހެން ރައްޔިތުންގެ ރުހުމާއި ނުރުހުމުގެ މައްޗަށް ބިނާވެގެނެއް ނޫނެވެ. އިންތިޚާބުގެ ތެރޭގައްޔާއި ވޯޓު ގުނުމުގެ ތެރޭގައި ހެދޭ ބޮޑެތި ޙީލަތްތަކާއި މަކަރުތަކުގެ ތެރެއިން ބައްޓަންވެގެން، މުބާރަކުގެ އެދިވަޑައިގަތުން ތަންފީޒުކުރެވޭ ނަތީޖާތަކެއްގެ ގޮތުގައެވެ. އެހެންކަމުން، ދެންވެސް ކަންތައްތައް ވެގެންދާނީ އެހެން ކަމަށް ބެލެވެނީއެވެ.


އެންޑީޕީއާއި މުބާރަކުގެ ސިޔާސީ ބާރުގެ ބޭނުންކޮށްގެން ރިޔާސަތުގެ ގޮނޑިއަށް ޖަމާލް ގެނައުމުގެ މަސައްކަތްތައް ކުރެވެމުންދާ އިރު، އޭނާއާ ވާދަކުރައްވަން ތިއްބެވި ބޭފުޅުންގެ ކުރިމަތީގައި ހުރިހާ ދޮރުތަކެއް ދަނީ މަޑުމަޑުން ބަންދުކުރެވެމުންނެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ އިންޓަރނޭޝަނަލް އެޓޮމިކް އޭޖެންސީގެ ކުރީގެ ރައީސް މުޙައްމަދުލް ބަރާދައީއެވެ. މުބާރަކުގެ ސަރުކާރާއި އެންޑީޕީ އަޑީގައި އޮވެގެން އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން ހިންގި ވަރުގަދަ ކެމްޕޭނެއްގެ ސަބަބުން އޭނާގެ އަބުރުފުޅު ހުތުރުކޮށް، ރައްޔިތުންގެ ކުރިމަތީގައި އޭނާގެ ޝަޚްސިއްޔަތުގެ ކުލަ މިހާރު ވަނީ މުޅީން ފަނޑުކޮށްލެވިފައެވެ. ބަރާދައީ ފިޔަވައި ދެން ތިއްބެވި ބޭފުޅުންގެ ތެރޭގައި ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަމްރު މޫސާއާއި، އަލްޣަދު ޕާރޓީގެ ލީޑަރ ޑރ. އައިމަން ނޫރު ހިމެނިވަޑައިގަންނަވައެވެ. މީގެ ތެރެއިން އައިމަން ނޫރަކީ މުބާރަކާ ދެކޮޅަށް ތެދުވެވަޑައިގެންނެވުމުގެ ނަތީޖާއެއްގެ ގޮތުން ބޮޑެތި އަނިޔާތަކެއް މީގެ ކުރީންވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. 2005 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި މުބާރަކާ ވާދަކުރެއްވި އައިމަން ނޫރަށް ޖެހިވަޑައިގަތީ، އިންތިޚާބުގައި މުބާރަކަށް "ކާމިޔާބު" ލިބިވަޑައިގަތުމަށްފަހު ޖަލަށް ވަޑައިގަންނަވާށެވެ. އެތައް ދުވަހެއް ޖަލުގައި ހޭދަކުރެއްވުމަށްފަހު "މުބާރަކުގެ ކަސްތޮޅުން" އޭނާ ސަލާމަތްވެވަޑައިގަތީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އަމްރު މޫސާއަކީ ޑިޕްލޮމެޓިކް ފެންވަރުގައި ކިތަންމެ ފުންނާބު އުސް ބޭފުޅަކަށް ވިޔަސް، މުބާރަކުގެ ބާރާ ދެކޮޅަށް ތެދުވެވަޑައިގެން ކާމިޔާބު ހޯއްދެވުމަކީ އޭނާއަށް ކުރެއްވޭނޭކަމެއް ނޫން ކަމަށް ބެލެވެނީވެސް މިސުރުގެ ސިޔާސީ ދާއިރާގައި ކަންތައްތައް ހިނގާ ގޮތުގެ ސަބަބުންނެވެ. މިސުރުގެ ރައްޔިތުންގެ ލޯބި ހާސިލުކޮށްފައިވާ އިޚްވާނުލް މުސްލިމީންގެ ފަރާތުން އަންނަ އިންތިޚާބުގައި ވާދަކުރައްވާނެ އެކަށީގެންވާ ކެންޑިޑޭޓެއް ނުވެސް ނެތެވެ. އެ ޖަމާޢަތުގެ އިސް ބޭފުޅުންގެ ތެރެއިން ރިޔާސީ ގޮނޑިއަށް ކުފޫހަމަވާ ބޭފުޅަކު ހުންނެވިނަމަ އެ ބޭފުޅަކު ހުންނެވީ މުބާރަކުގެ ޖަލުތަކުގެ ތެރެއިން ޖަލެއްގައި، މުބާރަކުގެ ފުލުހުންނާއި ޖައްލާދުންގެ އަނިޔާވެރިކަމުގެ ތެރޭގައެވެ. ހަމައެއާއެކު، އިޚްވާނުލް މުސްލިމީންގެ ތެރޭގައި ބޮޑެތި ބައިބައިވުންތަކެއްވެސް އުފެދިފައިވާކަމަށް މިހާރު ދަނީ ބެލެވެމުންނެވެ. މިއަދު ފެށޭ ޕާރލަމެންޓްރީ އިންތިޚާބުގައި ބައިވެރިވާން ޖަމާޢަތުގެ ޝޫރާ މަޖިލީހުން ނިންމީވެސް ވަރަށް ހަނި އަޣުލަބިއްޔަތަކުންނެވެ.


މުބާރަކުގެ ސަރުކާރާއި އޭނާގެ ޕާރޓީން، މިސުރުގެ ވެރިކަމަށް ޖަމާލް މުބާރަކު ގެނައުމަށްޓަކައި ސިޔާސީ ގޮތުން ޖެހެން ހުރި ހުރިހާ މަޅިއެއް ޖަހަމުންދާ އިރު، އެ ބޭފުޅުންގެ ފުރިހަމަ ކޮންޓްރޯލުގެ ދަށުގައިވާ މިސުރުގެ މީޑިއާއިންވެސް ގެންދަނީ ޖަމާލު ޕްރޮމޯޓްކުރުމަށްޓަކައި ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އަލްޙަޔާތާއި އަލްޢަރަބިއްޔާ ފަދަ ޓީވީ ޗެނަލްތަކުން މިހާރުވެސް ގެންދަނީ ރައްޔިތުންގެ މަޤުބޫލުކަން ޖަމާލަށް ހޯދައިދިނުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުންނެވެ. ޕާރލަމެންޓްރީ އިންތިޚާބުގައި އެންޑީޕީއަށް ކާމިޔާބު ހޯދުމަށްޓަކައި ވަރުގަދަ ޕްރޮޕެގެންޑާތަކެއް ހިންގަމުންނެވެ. މި ޕްރޮޕެގެންޑާތައް ކާމިޔާބުވެ، މިއަދު ފެށޭ އިންތިޚާބުގައި ޕާރަލަމެންޓުގެ 508 ގޮނޑީގެ ތެރެއިން ގިނަ ގޮނޑި އެންޑީޕީއަށާއި އެ ޕާރޓީއަށް ތާއީދުކުރާ ފަރާތްތަކަށް ލިބިއްޖެނަމަ ޖަމާލުގެ މަގު ގާތްގަނޑަކަށް މުޅީންހެން ސާފުވީއެވެ.


އެއް އިރެއްގައި މިސުރަކީ ޢަރަބި ދުނިޔޭގެ ލީޑަރެވެ. މުޅި ޢަރަބި ދުނިޔެ އެ ޤައުމަކަށް ތަބާވަމުން ގެންދިޔަ ލީޑަރެވެ. ނަމަވެސް މިއަދު ޙާލަތު ވަނީ މުޅީން ބަދަލުވެފައިކަމަށް ގިނަ ބަޔަކު ދެކެއެވެ. ޙުސްނީ މުބާރަކަށްފަހު ޤައުމުގެ ވެރިކަމަށް ޖަމާލް މުބާރަކު ވަޑައިގަތުމަކީ މިސުރުގެ ގެއްލިފައިވާ މަޤާމު އަނބުރައި ހޯދުމަށް ކުރެވޭ މަސައްކަތަށް ކުރިމަތިވާނެ ބޮޑު ޗެލެންޖެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. މިސުރުގެ ފަސްވަނަ ރައީސްގެ ގޮތުގައި ވެރިކަން ކުރެއްވުމުގެ ފުރުސަތު ޖަމާލަށް ލިބިވަޑައިގެންފިނަމަ، ޤައުމުގެ އެއްވެސް ކަމެއް ރަނގަޅުވާނެތޯ މިއީ މިހާރު ކުރެވޭ ސުވާލެކެވެ. އޭނާގެ ބައްޕާފުޅު 1981 ވަނަ އަހަރުން ފެށިގެން މިހާތަނަށް، 29 އަހަރުގެ ދިގު ވެރިކަމެއް ކުރައްވާފައިވަނީ މިސުރު "ސްޓޭޓް އޮފް އިމަރޖެންސީ" ގައި، ނުވަތަ ކުއްލި ޙާލަތުގައި ބާއްވަވައިގެންނެވެ. ކުއްލި ޙާލަތުގައި ރައީސަށް ދެވޭ އާދަޔާ ޚިލާފު އެތައް ބާރުތަކެއް ބޭނުންފުޅު ކުރައްވައިގެން ރައްޔިތުންގެ އެތައް ޙައްޤުތަކެއް ސަސްޕެންޑްކުރައްވައިގެންނެވެ. ޢުމުރުފުޅުން މިހާރު 80 އަހަރު ވެފައިވާ ޙުސްނީ މުބާރަކު އަވަހާރަކޮށްލަން ގާތްގަނޑަކަށް ހަތްފަހަރު މަސައްކަތްކުރެވިފައިވާ ނަމަވެސް، މިއިން އެއްވެސް ފަހަރަކު އެކަން ކާމިޔާބުނުވެފައިވަނީ، ޤުދުރަތުގެ އިރާދަފުޅާއެކު، އޭނާގެ ބާރުފުޅު މިސުރުގައި ފެތުރިފައިވާލެއް ވަރުގަދަކަމުންނެވެ. އެހެންކަމުން އޭނާގެ ދަރިކަލުން ޖަމާލުގެ ވެރިކަމުގައި މިސުރުގެ ރައްޔިތުންނަށް މިއަދަށްވުރެ މިނިވަން މާދަމައެއް ފެނުމުގެ އުއްމީދު ވަރަށް ކުޑައެވެ.