08 Oct 2013, 17:28
ރާއްޖޭގެ ގައުމީ ފުޓްބޯޅަ އިދާރާ (އެފްއޭއެމް) ބަދުނާމުވާ ގޮތަށް މީޑިއާތަކުގައި ވާހަކަ ނުދެއްކުމަށް ނިއުރޭޑިއަޓް ސްޕޯޓްސް ކުލަބުގެ މެނޭޖަރު އަންވަރު އަލީއަށް އެފްއޭއެމްއިން އަންގައިފި އެވެ.
ނިއުގެ މެނޭޖަރު އަންވަރުއަށް އެފްއޭއެމްއިން އެކަންއަންގާފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހު އަންވަރުއަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގަ އެވެ.
"ސަން"އަށް ކޮޕީ ލިބިފައިވާ ސިޓީގައި ބުނެފައި ވަނީ ފަހަކައަށް އައިސް މީޑިއާތަކުގައި އެކި ފަހަރުމަތިން އެފްއޭއެމުން އެކި ކުލަބްތަކަށް ދޭންޖެހޭ ފައިސާގެ ވާހަކަ ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށާއި އެކަމަކީ އެފްއޭއެމްގެ ސުލޫކީ ގައިވާއިދުގެ ނުވަތަ ކޯޑް އެފް އެތިކްސްގެ ދެ ވަނަ މާއްދާގެ (ށ) ގެ ދަށުން މަނާ ކަމެއް ކަމަށެވެ.
"އެފަދަ ވާހަކަތައް ތަކުރާރު ކުރައްވަމުން ގެންދިއުމަކީ ފުޓްބޯޅަ އާއިލާ އާއި އެފްއޭއެމްއާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަކަށް ވުމާއެކު އެފަދަ ވާހަކަ ދެއްކެވުން ތަކުރާރު ކުރުމަށް އަންވަރު އަލީއަށް ނަސޭހަތް ތެރިވަމެވެ" ސިޓީގައިވެ އެވެ.
ސަންއާ ވާހަކަ ދައްކަމުން އަންވަރު މިއަދު ވިދާޅުވީ، އެ ސިޓީއަކީ ޓީވީއެމްގެ ކުޅިވަރު ޕޮރޮގްރާމް "ސްޕޯޓްސް ބީޓް" ގައި ހުސްވި މަހުގެ 27 ވަނަ ދުވަހު ދެއްކި ވާހަކައަކާ ގުޅިގެން އެފްއޭއެމުން ފޮނުވި ސިޓީއެއް ކަމަށެވެ. އެހެން ނަމަވެސް އެ ޕޮރޮގްރާމްގައި އެފްއޭއެމްއަށް ނޭދެވޭ އަސަރު ކުރާވަރުގެ އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށް އަންވަރު ބުންޏެވެ.