ރާއްޖެ އަށް މި އަހަރު 1.4 މިލިޔަން ފަތުރުވެރިން ޒިޔާރާތް ކުރާނޭ ކަމަށް ލަފާ ކުރެވޭ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެ އެވެ.

އަގުހެޔޮކޮށް ދަތުރު ކުރާ މެލޭޝިއާގެ އެއާލައިނެއް ކަމަށްވާ އެއާއޭޝިއާ އެކްސްގެ ފުރަތަމަ ފްލައިޓް މިއަދު ރާއްޖެ އައުމުން އެ ފްލައިޓުން ދަތުރު ކުރި އެއާއޭޝިއާ އެކްސްގެ އިސްވެރިންނަށް މަރުހަބާ ކިޔުމަށް މިއަދު ހުޅުލޭ އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު ބަންދު އިބްރާހީމް ސަލީމް ވިދާޅުވީ، އަލަށް ދަތުރުފަށާ ފްލައިޓްތަކާ އެކު ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އިހުނަށް ވުރެ ވެސް ގިނަވެގެންދާނޭ ކަމަށެވެ.

"ރާއްޖޭގައި ފުޅާވަމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތަށް މިއަހަރު 1.4 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް މިބަލަނީ. އަދި އެއާއޭޝިއާ އެކްސް ވެގެން މިދަނީ މި ސިނާއަތާ ގުޅުނު އެންމެ ފަހުގެ މެންބަރަށް،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އެއާއޭޝިއާ ފަދަ ދުނިޔޭގެ ނަންމަޝްހޫރު ސްޓާ އެއާލައިނެއްގެ ދަތުރުތައް ރާއްޖެ އަށް ފެށުމުން މިއަދަކީ ރާއްޖެ އަށާއި އަދި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ވަރަށް ހާއްސަ ދުވަހަކަށް ވެގެން ގޮސްފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ވިދާޅުވީ، އެއް މިލިޔަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް ރާއްޖޭގެ ޓޫރިޒަމް އިންޑަށްޓްރީން މަސައްކަތްކުރަމުން ގެންދާ މިއަހަރުގައި އެއާ އޭޝިޔާ އެކްސް ފަދަ އަގުހެޔޮ އަދި ގިނަ މަންޒިލުތަކަށް ދަތުރުކުރާ އެއާލައިނެއްގެ ދަތުރުތައް ފެށުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަތިވުމުގެ އިތުރުން ރާއްޖެ އަށް ދަތުރުކުރާ އެއާލައިންތަކަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓާ ދޭތެރޭގައި ގެއްލެމުން ދިޔަ އިތުބާރު ވެސް އަލުން ލިބިއްޖެ ކަމަށެވެ.

"މީގެ އަށެއްކަ މަސް ދުވަސް ކުރިން އަޅުގަނޑުމެންގެ އެއާޕޯޓު އަނބުރާ ހޯދުމަށް ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް މުހިއްމު ނިންމުމެއް. ސަބަބަކީ އޭގެ ސަބަބުން އެއާޕޯޓު ވަކިބައެއްގެ އަތްދަށުގައި އޮތުން ނިމުމަކަށް އައިސް އިތުރު އެއާލައިންތައް ރާއްޖެ ގެނައުމަށް މަގު ހުޅުވިގެން ދިއުން،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ، ޖީއެމްއާރުގެ ބާރުގެ ދަށުގައި އެއާޕޯޓް އޮތް ދުވަސްވަރު އެތަނުގެ އަގުތަކަށް ގެނައި ބަދަލުތަކާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރި ވަރަށް ގިނަ އެއާލައިންތަކުން ޝަކުވާ ކުރަމުން ގެންދިޔަ ކަމަށާއި އަދި އާ އެއާލައިންތައް ރާއްޖެ އައުމަށް ފަސްޖެހެމުން ދިޔަ ކަމަށެވެ.

"ގިނަ އެއާލައިންތައް ހިންގަމުން ގެންދަނީ އެހާބޮޑު ފައިދާއެއްގައެއް ނޫން. އެ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ބޭފުޅަކު އަޅުގަނޑު ކައިރީ ވިދާޅުވީ އެއާ ޓިކެޓަކުން ފައިދާއަށް ނުޖެހެއޭ 'ސްޓާބަކްސް ކޮފީ' އަކަށް ލިބޭ އަގުވެސް... އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރަށްވާ ފަރާތްތަކުން 40 އަހަރުގެ ބުރަ މަސައްކަތް ކޮށްފިން ރާއްޖެ އަށް ބޭރުގެ އެއާލައިންތައް ގެންނަން. އެހެން ކަމުން އެއާލައިންތައް ރާއްޖެއައުމަށް ފަސް ޖެހޭނަމަ އޭގެ ނޭދެވޭ އަސަރު އެންމެ ފުރަތަމަ ވެސް ކުރާނީ އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާއަތަށް،" އަދީބު ވިދާޅުވި އެވެ.

ރާއްޖެ އަށް މިހާރު ވެސް ގިނަ އަދަދަކަށް ޗައިނާގެ ފަތުރުވެރިން ޒިޔާރަތް ކުރަމުން ގެންދާއިރު މިއަދުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔޫ ހޮން ޔާއޯ ވިދާޅުވީ އެއާ އޭޝިއާގެ ދަތުރުތަކާ އެކު ޗައިނާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދުދު އިތުރުވެގެން ދާނޭ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިޓަރު ނާޒިމް ވިދާޅުވީ، އަގުހެޔޮ އެއާލައިނެއްގެ ދަތުރުތައް ފެށުމުން އޭގެ ފައިދާ ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން ދެގައުމުގެ އާންމު ރައްޔިތުންނަށް ވެސް ފުޅާދާއިރާއެއްގައި ކުރާނޭ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިގެންދަނީ އޭވިއޭޝަން ދާއިރާގެ ވަރަށް ބޮޑު ކާމިޔާބެއް. އެއާއޭޝީއާގެ ދަތުރުތައް ރާއްޖެ އަށް ފެށުމުން އަޅުގަނޑުމެންނާ ވަރަށް ގާތް ރަހްމަތްތެރި ގައުމެއް ކަމަށްވާ މެލޭޝިއާގެ ރައްޔިތުންނާއި އަޅުގަނޑުމެންގެ ރައްޔިތުންނާއި އަދި ދެގައުމުގެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ވެސް އިތުރު ދޮރުތަކެއް ހުޅުވިގެން މި ދިޔައީ.،" ނާޒިމް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު އިތުރަށް ވިދާޅުވީ "އަޅުގަނޑުމެންނާއި މެލޭޝިއާއާ ދެމެދު އުފެދިފައިވާ ޒަމާންވީ ރަހްމަތްތެރިކަމުގެ ގުޅުމުގެ ސަބަބުން، އަޅުގަނޑުމެންގެ ވަރަށް ގިނަބަޔަކު ތައުލީމު ހާސިލުކުރުމަށާއި އަދި އެހެންނިހެން ބޭނުންތަކުގައި އެގައުމުގައި މިހާރުވެސް ދިރިއުޅެމުން ގެންދޭ. އަދި އަޅުގަނޑުގެ މައުލޫމާތު ކުށަކަށް ނުވާނަމަ ގިނަ ދިވެހިން ދެވަނަ ވަޒަނެއްގެ ގޮތުގައި ދެކޭ ތަނަކީ މެލޭޝިއާ." ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުއާއި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް އަހްމަދު ނާޒިމް އާއި ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔޫހޮން ޔާއޯ ބައިވެރިވެވަޑައިގެންނެވި އެވެ.