08 Oct 2013, 16:23
މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އަށް މުދާ އިމްޕޯޓްކޮށްގެން ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 1.12 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.
ކަސްޓްމްސް އިން މިއަދު ބުނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލިބުނު އާމްދަނީ 2012 ވަނަ އަހަރުގެ ނިޔަލަށް ލިބުނު އާމްދަނީ އަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ އަށް ވުރެ ނުވަ ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ޑިއުޓީގެ ގޮތުގައި ލިބިފައި ވަނީ 1.02 ބިލިއަން ރުފިޔާ އެވެ.
ރާއްޖެ އަށް މިދިޔަ މަހު އެކަނި ވެސް 2.32 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހަށްވުރެ 36 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު ވަނީ 13.8 ޕަސެންޓް އިތުރުވެފަ އެވެ. އެއީ ގާތްގަނޑަކަށް 1.93 ބިލިއަން ރުފިޔާގެ ތަކެތި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ތިން ކުއާޓަރުގައި އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ 200 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މުދާ އިމްޕޯޓްކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 13 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް 19.64 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެގޮތުން ޓޫރިޒަމް ދާއިރާ އަށް 3.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި އިރު، 10.03 ބިލިއަން ރުފިޔާގެ މުދާ އަމިއްލަ ކުންފުނިތަކުން އިމްޕޯޓްކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން 5.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ ކަމަށް ވެސް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.