ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އަށް ފަހު އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދިޔަ މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 29 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 29 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ އެ އެންމެން ފުލުހުންގެ އަމުރަށްނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ރެއާ ހަމައަށް ޖުމްލަ 65 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރޭގެ މުޒާހަރާގައި ހައްޔަރުކޮށްފައި ވަނީ ތިން މީހަކު ކަމަށާއި އެ އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އަމުރަށްނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާތީ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ 65 މީހުންގެ ތެރެއިން 12 މީހަކު ކޯޓަށް ނުގެންގޮސް ދޫކޮށްލާފައިވާކަމަށެވެ. ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިޔަ މީހުންގެ ތެރެއިން ނުވަ މީހަކު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމްޑީޕީން ކުރަމުންދިޔަ ސިލްސިލާ މުޒާހަރާތައް ރޭ ހުއްޓާލާފައި ވަނީ ސުޕްރީމް ކޯޓުން ކުރި ހުކުމްގައި މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އަލުން އިންތިޚާބު ބޭއްވުމަށް ބުނެފައިވާތީ އެވެ.