08 Oct 2013, 15:44
ލަކުޑި ބުރިއަކުން ހަމަލާދީ 2011 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ނ. މާޅެންދޫ ވައިޓް ހައުސް އަހްމަދު މިރުޒާ މަރާލިކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެއްކެއްގެ ހެކިބަސް ނަގައިފި އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހެކީންގެ ގޮތުގައި ހުށަހެޅި މީހެއްގެ ހެކިބަސް ނަގާފައިވާ ކަމަށެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ފަރާތުން ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ހެކިބަހެއް ލިބިފައި ނުވެ އެވެ.
މިރުޒާގެ މަރާގުޅިގެން ދައުލަތުން ދައުވާ އުފުލާފައި ވަނީ ޏ. ފުވައްމުލަކު ޒާވިޔާ އަބްދުﷲ ނަސީފާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއު އާއި ގދ. ގައްދޫ ބޮކަރުގޭ އަލީ ރިފްޝާންގެ މައްޗަށެވެ.
އެ މީހުންގެ ތެރެއިން ނަސީފްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ޝިފާއު އާއި ރިފްޝާންގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
މިރުޒާ މަރުވެފައި ވަނީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ އިރު އޮއްސި 5:40 އެހާކަންހާ އިރު އޭނާ ވިލިމާލޭ ޕާކްކައިރީގައި ހުއްޓާ ގުރޫޕަކުން ގޮސް ލަކުޑިބުރިތަކަކުން އޭނާގެ ބޮލަށް ދިން ހަމަލާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.
މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީސްތަކުގައި އެ ތިން މީހުންނާ ދެކޮޅަށް ބައެއް މީހުން ވަނީ ހެކިބަސްދީފަ އެވެ. އެ އެންމެންގެ ހެކިބަސް ވެސް ނަގާފައި ވަނީ ކާކުކަން ނޭނގޭ ގޮތަށް އަޑުބަދަލުކޮށްގެން ސިއްރުންނެވެ.
ކްރިމިނަލް ކޯޓުން ބުނީ ދެން ބާއްވާ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ އެންމެ ފަހު މީހާގެ ހެކިބަސް ނެގުން ކަމަށެވެ.