ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރުގެ އަނބިކަނބަލުން މއ. މަނާގޭ މަރިޔަމް ފާއިޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ކްރިމިނަލް ކޯޓުންދީފި އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަތާރުން މަރިޔަމް ފާއިޒުގެ މައްޗަށް ދައުވާ އިއްވުމުން ގާނޫނީ ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި ކަމަށެވެ. އެހެންކަމުން ދެން އެ މައްސަލަ އޮންނަ ދުވަހަކު ވަކީލަކާ އެކު ކޯޓަށް ހާޒިރުވުމަށް އޭނާ އަށް ފުރުސަތުދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މަރިޔަމް ފާއިޒުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ އޭނާ އިތުރު ބަޔަކާ އެކު މިދިޔަ އަހަރުގެ ނޮވެމްބަރު 16 ވަނަދުވަހުގެ ފަތިހުގެ ވަގުތެއްގައި ހދ. ހޮނޑައިދޫގައި މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާއެއްޗިހި ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށެވެ.

އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.