08 Oct 2013, 14:37
ރާއްޖެ ޓީވީ ހިންގާ އިމާރާތުގައި ރޯކޮށް އަންދައިލި ހާދިސާގައި ފުލުހުންގެ އެއްވެސް އިހްމާލެއް ވޭތޯ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބަލަން ފަށައިފި އެވެ.
ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސް ޑރ. އަބްދުﷲ ވަހީދު މިއަދު ސަން އަށް ވިދާޅުވީ ރާއްޖެ ޓީވީ އަށް ހަމަލާދިން މައްސަލައިގައި ފުލުހުންގެ އިހްމާލެއް ވޭތޯ ބަލައިދިނުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލުން އިއްޔެ ހުށަހެޅުމާ ގުޅިގެން މިއަދު އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
"އިއްޔެ މިޑިޔާ ކައުންސިލުން ފޮނުވި ސިޓީއަކާ ގުޅިގެން މިއަދު އަޅުގަނޑުމެން ބަލަން ފަށަފައި މިވަނީ ރާއްޖެ ޓީވީ އަށް ހަމަލާ ދިން މައްސަލައިގަ ފުލުހުން އެއްވެސް އިހްމާލެއް ވޭތޯ،" ޑރ. ވަހީދު ވިދާޅުވި އެވެ.
ރާއްޖެ ޓީވީ އަށް ދިން ހަމަލާގައި ފުލުހުންގެ އެއްވެސް އިހްމާލެއްވޭތޯ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބަލަން ފަށާފައިވާ އިރު ރާއްޖެ ޓީވީ އަށް ދިން ހަމަލާ މީޑިޔާ ކައުންސިލުން ވެސް ބަލައި ތަހްގީގު ކުރުމަށް ވަނީ ނިންމާފަ އެވެ.
"ކުއީން އޮފް ދަ ނައިޓް" އިމާރާތަކަށް ހަ މީހުންގެ ގްރޫޕަކުން މޫނު ނިވާކޮށްގެން ވަދެ، ރާއްޖެ ޓީވީ ސްޓޭޝަންގެ ތެރެއަށް ޕެޓްރޯލް އަޅައި ރޯކޮށްލި ވީޑިއޯ އެ ސްޓޭޝަނުން ވަނީ އާންމުކޮށްފަ އެވެ.